ރެއިން ފެށިގެން ހުއްޓުމެއް ނެތި ކުރި ވިއްސާރައިގައި މާލެ ފެނު އަޑީގައި

ރެއިން ފެށިގެން ހުއްޓުމެއް ނެތި ކުރި ވިއްސާރައިގައި މާލެގައި ފެންބޮޑުވެއްޖެ އެވެ.

ރޭ ކުރި ވިއްސާރައިގައި މާލޭގެ ބޮޑު ސަރަަހައްދެއްގައި، ހާއްސަކޮށް މާފަންނުގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައަ ދައްކާގޮތުން  މިދިޔަ 24 ގަޑިއިރު މާލެއަށް  ވަނީ136.5 މިލިލީޓަރުގެ ވާރޭވެހިފައިވެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މާލޭގައި ބޮޑުވި ފެންގަނޑު ހިއްދުމުގެ މަސައްކަތައް ސިފައިން ދަނީ 16 ޕަމްޕެއް ބޭނުން ކުރަމުން ކަމަށެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭބިސީތަކަށް ފެންވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގައި މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ވެސް ބުނީ ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާތީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު މިދިޔަ ބުރާސްފަތި ދުވަހު މެޓް އޮފީހުން އިދާރާތަކަށް ދީފައިވެ އެވެ.