މާލޭގައި ހުރި ޕްރައިވެޓް ދެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލައިގައި އެ ދެ ބޮންޑެޑް ވެއާހައުސްގެ ރަޖިސްޓްރީ ބާތިލުކޮށް، ގެއްލުނު މުދަލުގެ ބަދަލު ހޯދަން ކޯޓަށް ހުށަހަޅަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނިންމައިފިއެވެ.
ކަސްޓަމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ”އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް“ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ތަނުގައި ހުންނަންޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި، ރެޑް މެންޗެސްޓާ ރޯޔަލް ބްރޭންޑްގެ 300 ކޭސް ސިނގިރޭޓު ގަވައިދާ ހިލާފަށް އެ ތަނުން ނެރެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
”މި ދެ ބޮންޑެޑްވެއާހައުސްގެ ރަޖިސްޓަރީ ބާތިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑްވެއާ ހައުސްއިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 47,182,011.86 ރުފިޔާ އާއި އެސްޖީއެމް ބޮންޑެޑްވެއާ ހައުސްއިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 20,720,412.54 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފައެވެ،“ ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ ބޮންޑެޑް ވެއާހައުސް ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއާހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ އާންމު ގަވައިދަށް މިހާރު އިސްލާހު ވެސް ގެނެސްފައިވާ ކަމަށެވެ.
ކަސްޓަމްސްއިން އިތުރަށް ބުނީ އެ ދެ މައްސަލަ ފުލުހުންނާ ގުޅިގެން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.


1 Comment
ގުޅުންހުރި
ހޯކްސް އިން މެންޗެސްޓާ ބްރޭންޑުގެ ސިގްރޭޓް ވަގަށް އެތެރެކުރި މައްސަލައެއް ތަހުގީގު
ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއް
ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލައިގައި 40 މިލިއަން ރުފިޔާ ދައްކަން ވެރިފަރާތަށް
ދުންފަތާ ދުރުވުމަށް ހަދާ ސެޒޭޝަން ފަރުވާއަށް ބޭނުންވާ ތަކެތި އެތެރެކުރެވޭނެ!
ދުންފަތް ތައްޔާރުކުރަން ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފި
ތައިލެންޑުން އައި ދެ ދިވެއްސަކު ދެ ކިލޯގެ ޑްރަގާއެކު އަތުލައިގެންފި