މިއީ ސިޔާސީ ލީޑަރު އަދި ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހިމް އޭނާގެ ބައޮގްރަފީ ’ގާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް’ގައި ލިޔުއްވާފައިވާ އޭނާ ފުރަތަމަ ޖަލަށްލީ ދުވަހުގެ ތަޖުރިބާ އެވެ.
”ހޮސްޕިޓަލްގައި ޤާސިމަށް ކުރިމަތިވި އެންމެ ދެރަވި، އެހެން ގޮތަކުން ސިފަކުރާނަމަ ބިރުވެރި ދުވަސް ލައިގަތީ ލޯބީގެ ނަމުގައި އައި ސިޓީއަކުންނެވެ. އެ ސިޓީއެއް އަންނަންފެށީ ރަމަޟާން މަހެއްގެ ތެރޭގައެވެ. ފުރަތަމަ އޮފީހުގެ މޭޒުގައި މަސައްކަތުގައި އިންދައި ޕިޔޯނު އައިސް ދިއްކޮއްލީ ސިޓީއެކެވެ. ސިޓީއުރައިގެ ބޭރުގައި ޖަހައިފައި އޮތީ ޤާސިމްގެ ނަމެވެ. ކަނޑައި ބަލައިލިއިރު، އެއީ ހޮސްޕިޓަލްގައި އުޅޭ އަންހެން ކުއްޖެއްގެ ނަމުގައި ލިޔެފައި އޮތް ސިޓީއެކެވެ.
ސިޓީ ކިޔަމުންދިޔައިރު އެއީ ލޯބީގެ ސިޓީއެއް ނޫންކަން އެނގެއެވެ. ޖެއްސުންކުރާ މޭރުމަކުން ބަދްއަޚްލާގީ ވާހަކަތަކާއި މަލާމާތުގެ ބަސްތައް ވެސް ލިޔެފައި އޮތް ލޯބީގެ ސިޓީއެކެވެ. އޭގައި ލިޔެފައިހުރި ހުތުރު ވާހަކަތަކުން އެއީ ހޮސްޕިޓަލްގައި އުޅޭ އަންހެން ކުއްޖާގެ މިޒާޖާއި ބަސްމަގު ނޫންކަން އެނގެއެވެ. ސިޓީ އިބާރާތްކޮށްފައިވާ ގޮތާއި އަކުރުތައް ލިޔެފައިހުރި ގޮތަށް ވިސްނައިލީމާ ކުޑަކޮށް ޝައްކުވިއެވެ.
އެ ސިޓީ ކިޔައިލުމަށްފަހު މޭޒުގެ ވަތްގަނޑަށްލައި ތަޅުލިއެވެ. އާއްމު ގޮތެއްގައި ރޯދަމަހު މެންދުރު ނަމާދުކޮށްގެން ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް އޮވެއެވެ. އެހެންޏާ އެއީ މެންދުރު ކާން އޮފީސް މެދުކަނޑައިލާ ގަޑިއެވެ. ރޯދަމަހު އެ ގަޑި އެ ގޮތަށް ހުސްކޮށް އޮންނާތީ މުވައްޒަފުންކުރާ ކަމަކީ ހޮސްޕިޓަލްގެ ގޯތިތެރޭގައި ހުންނަ ގަސްދޮށުގައި ހިޔަލުގައި ތިބެގެން ވާހަކަ ކިޔުމެވެ. ގެއަށް ދަނީ އޮފީސް ރަސްމީކޮށް ބަންދުކުރުމަށްފަހު ހަވީރުއަތަށް އަޅައިލީމައެވެ.
ގަސްދޮށުގައި އިންނައިރު އެ އަންނަ ސިޓީތަކާމެދު ޤާސިމަށް ޚިޔާލުކޮށްލެވެއެވެ. އެ އަންނަ ސިޓީއެއް އެބައާދެއެވެ. އެހެންވެ ހިތަށް އެރިއެވެ. އެ ސިޓީ ފޮނުވާ މީހަކަށް ރަނގަޅަށް ޖަވާބުދޭންވާނެއެވެ. ދެން މޭޒުދޮށުގައި އިނދެގެން އެ ސިޓީތަކުގައި ލިޔެފައި ހުންނަ އެއްޗެއްސަށް ވާވަރަށް، އެ ސިޓީތަކުގައި ބޭނުންކުރާ ބަސްމަގު އެގޮތަށް ލިޔެފައި، ސިޓީ ފޮނުވާ އަންހެން ކުއްޖާގެ ނަންޖަހައި، ސިޓީ އުރައަކަށް ލައިފައި އެ ސިޓީތައް އަންނަ އެޑްރެހަށް ދާގޮތަށް ޕޯސްޓް ފޮށްޓަށް ސިޓީ ވައްޓައިލިއެވެ.
އޭގެ ތިން ހަތަރު މަސްފަހުން ޕަބްލިކްސޭފްޓީ ނުވަތަ އަމަން ޢާއްމާއަށް ޤާސިމް ފޮނުވައިދިނުމަށް މޫސައިދީއަށް ފޯންކޯލެއް އައެވެ. ސޭފްޓީއަށް ދިޔައިމާ އޭނާ ގެންދިޔައީ ޢަބްދުލްޙަންނާނު ޙަލީމު އަރިހަށެވެ. ޢަބްދުލް ޙަންނާނަކީ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީއެވެ. އެއީ ސަރުކާރުގެ ވަރަށް ބާރުގަދަ މިނިސްޓްރީއެކެވެ. ކުށްކުށުގައި މީހުން ހައްޔަރުކޮށް ޖަލަށްލައި، އަރުވާލައި، އަދަބުދީ އެ ހުރިހާކަމެއް ކުރަނީ އެތަނުންނެވެ. ހުވަދޫ ބަޣާވާތަށްފަހު، ހަވަރު ތިނަދޫ މީހުންނަށް މާލޭގެ އިރުމަތީ ފަރާތު ބޮޑުފާރުން ބޭރުގައި ހުންނަ ޖަލުގައި ވަރަށް ބޮޑަށް އަދަބު ލިބި ޖަލުގައި ތިއްބައި، އެތައް ބަޔަކު މަރުވެދިޔަ ވާހަކަ ޤާސިމަށް އޮތީ އަޑުއިވިފައެވެ. އެހެންވެ، ސޭފްޓީއަށްދާން އެންގީއްސުރެ ވާންއުޅޭ ގޮތެއް ނޭނގި ހިތްތެޅެއެވެ.
ޙަންނާނު އިށީދެވަޑައިގެން އިންނެވި މޭޒުކޮޅު ކައިރިއަށް ޤާސިމް ގެންދިޔަމުން އޭނާގެ ކުރިމައްޗަށްވާ ގޮތަށް މޭޒުގެ އަނެއް ފަރާތުގައި ހުރުމަށް އެންގެވިއެވެ. ހުންނާންޖެހުނީ ކޮޅަށެވެ. ހަމަ އެ ކޮޓަރި ތެރޭގައި އިސްތަފާ އިބްރާހީމް މަނިކުވެސް މަޑުކޮށްލައްވައިގެން ހުންނެވިއެވެ. ޤާސިމް ހުރީ އޮފީސް ރަސްމީ ހެދުމުގައި ޓައީ ވެސް އަޅައިގެންނެވެ. ގެއަށްގޮސް ހެދުން ބަދަލުކޮށްގެން ދާންޖެހޭފަދަ ކަމެއް ދިމާވެދާނެ ކަމަށް ހިތަކަށް ނާރައެވެ. އެކަމަކު ވިސްނައިވިސްނައިވެސް ސޭފްޓީއަށް އޭނާ ގެންދާ ސަބަބެއް ޚިޔާލަކަށް ނައެވެ. ވިދާޅުވި ގޮތަށް ޢަބްދުލްޙަންނާނު ކުރިފުޅުމަތީގައި އިސްދަށަށްޖަހައިގެން ހުއްޓައި އައްސަވައިފިއެވެ.
މިއިން ދުވަހަކު ޤާސިމް އެއްވެސް ތަނަކަށް ޕޯސްޓުން ސިޓީއެއް ފޮނުވިން ހެއްޔެވެ. ޤާސިމް ވިސްނައިލިއެވެ. ހަނދާނަށް އައީ އަތޮޅު ފިހާރައެއް ހޯދަންވެގެން ޕޯސްޓުން ފޮނުވި ސިޓީއެކެވެ. ދެން ދެންނެވިއެވެ. އާދޭހެވެ! އަޅުގަނޑު ވިޔަފާރިއެއް ކުރަންވެގެން އަރިއަތޮޅު އަތޮޅު ފިހާރައިގެ ހުޅަނގުބައި ހޯދަން ސިޓީއެއް ފޮނުވީމެވެ. ކުއްލިއަކަށް ޙަންނާނުގެ މޭޒުމަތީގައި ހުރި ޓެލެފޯން ރަނގަބީލުވާން ފެށިއެވެ. ފޯން ނަންގަވަމުން އިބްރާހީމް މަނިކަށް އިޝާރާތްކޮށްލެއްވީމާ އޭނާވަޑައިގެން ޤާސިމް ބޭރަށް ނުކުމެލާން ވިދާޅުވިއެވެ.
ފޯންކޯލް ނިމިގެން އަނެއްކާވެސް އޭނާ އެތެރެއަށް ވައްދައި، ޢަބްދުލްޙަންނާނުގެ ކުރިފުޅުމަތީގައި ބެހެއްޓިއެވެ. ޙަންނާނު ޤާސިމްގެ މޫނަށް ބަލަހައްޓަވައިގެން އިންނަވާފައި ވިދާޅުވިއެވެ. ޤާސިމް ހަނދާންކޮށްބަލާށެވެ. އެ ނޫން އެހެން ސިޓީއެއް ނުފޮނުވަން ހެއްޔެވެ؟
ޤާސިމް ދެންނެވިއެވެ. އާދޭހެވެ. އަޅުގަނޑު އެހެން ސިޓީއެއް ފޮނުވި ހަނދާނެއް ނުވެއެވެ. ޙަންނާނު ވިދާޅުވިއެވެ. ތެދުބަހުން ޤާސިމް ވާހަކަ ދައްކައިފިއްޔާ އެއްފަހަރު ކަމަށް ދޫކޮށްލާނަމެވެ. އެހެންނޫނީ ޖެހޭނީ ބަންދުކުރާށެވެ. ތެދުބަހުން ވާހަކަ ދައްކާށެވެ.
ޙަންނާނުގެ ބަސްމަގުގައި ހުންނަނީ ހަރުކަށިކަމެކެވެ. އެއީ ކޮން ސިޓީއެއްގެ ވާހަކައެއް ހެއްޔެވެ. އޭނާއަކީ ސިޓީލިޔެ ޕޯސްޓަށް ފޮނުވަންދާ މީހެއް ނޫނެވެ. ދެން ހަމަ އުޅެއުޅެ އަރިއަތޮޅު އަތޮޅު އޮފީހަށް ފޮނުވި ސިޓީ ނޫން އެއްވެސް ސިޓީއެއްގެ މަތިން ހަނދާނެއް ނުވިއެވެ.
ތެދުބަހުން ވާހަކަ ދައްކައިފިއްޔާއޭ ވިދާޅުވަމުން މޭޒު ވަތްގަނޑު ދަންމަވާލައްވާފައި ވަތްގަނޑުން ސިޓީއެއް ނަންގަވާފައި މޭޒުމަތީގައި ބާއްވާފައި އެއްސެވިއެވެ. މިއީ ކޮން ސިޓީއެއް ހެއްޔެވެ. ކާކު ފޮނުވި ސިޓީއެއް ހެއްޔެވެ؟ ރަތްކުލައިގެދެލީން ލިޔެފައިވާ އެ ސިޓީ ޤާސިމްގެ ލޮލުގައި ހަމަ ޖެހުމާއެކު ކުޑަކޮށް ހާސްވިއެވެ. އެއީ ހޮސްޕިޓަލުގެ ތެރެއިން އޭނާއަށް ފާޑުފާޑުގެ ވާހަކަތައް ލިޔެފައި ފޮނުވަމުންދާ ލޯބީގެ ސިޓީތަކަށް ރައްދުދިނުމުގެ ގޮތުން އޭނާ ލިޔުނު ސިޓީއެވެ. އޭނާ އެ ސިޓީ ފޮނުވިފަހުން އެ އަންނަ ސިޓީތައް އައުން ހުއްޓިފައިވާތީއާ އަދި އެހާ ގިނަ ދުވަސްވީމާ ސިކުނޑީގައި އެކަމުގެ އެއްވެސް ޚިޔާލެއް ނެތެވެ. އެކަމަކު ސިޓީ ފެނުމާއެކު އެއީ އޭނާ ލިޔުނު ސިޓީކަން އެނގިއްޖެއެވެ. ޙަންނާނުގެ މޫނުފުޅަށް އިސްއުފުލައި ބަލައިލާކަށްވެސް ނުކެރުނެވެ. އެކަމަކު ތެދުބަހުން ޖަވާބުދީފިއްޔާ އެއް ފަހަރުކަމަށް ބަލާފައި ދޫކޮށްލައްވާނެ ކަމަށް ޙަންނާނު ވިދާޅުވެފައި އޮތީމާ އިސްދަށަށް ޖަހައިގެން ހުރެ ދެންނެވިއެވެ.
އާދޭހެވެ! ތިޔައީ އަޅުގަނޑު ފޮނުވި ސިޓީއެކެވެ. މިގޮތަށް ފޮނުވީ ކީއްވެގެންހޭ ޙަންނާނު އެއްސެވީމާ ދެންނެވިއެވެ.
އަޅުގަނޑު ތިޔަ ސިޓީ ލިޔުނު ފަރާތުން އަޅުގަނޑަށްވެސް އެތައް ބައިވަރު ސިޓީއެއް އަންނަނީއެވެ. ކޮންމެ ދުވަހަކު ނޫނީ ދެދުވަހުން އެއްދުވަހު އަޅުގަނޑަށް ސިޓީ އެބައާދެވެ. ދިހަ ބާރަވަރަކަށް ސިޓީ އަޅުގަނޑަށް ފޮނުވާފައި އެބައޮތެވެ. އެހެންވީމާ އަޅުގަނޑުވެސް ހަމަ އެގޮތަށް ލިޔެފައި އެސިޓީ ފޮނުވާ ކުއްޖާގެ ނަމުގައި ހަމަ އެއެޑްރެހަށް ފޮނުވީއެވެ. އަޅުގަނޑު ސިޓީ ލިޔުނީ އަޅުގަނޑަށް އެ ފޮނުވާ ސިޓީތަކާހުރެ އުނދަގޫވެގެން އެކަން ހުއްޓުވަންވެގެންނެވެ. އިރުކޮޅަކު އިންނަވާފައި ޙަންނާނު އެއްސެވިއެވެ.
ސިޓީފޮނުވަނީ ކާކުކަން ޤާސިމަށް އެނގޭ ހެއްޔެވެ. އޭނާ ދެންނެވިއެވެ. އަޅުގަނޑު ސިޓީ ފޮނުވީ އަޅުގަނޑަށް ސިޓީ އަންނަ އެޑްރެހަށެވެ. ދެން ވިދާޅުވިއެވެ. އެހެންވެއްޖިއްޔާ ބޭރުގައި މަޑުކޮށްލާށެވެ. ދެން އިބްރާހީމް މަނިކަށް އިޝާރާތްކޮށްލެއްވީމާ ޤާސިމް ގޮވައިގެން ގޮސް ބޭރުގައިހުރި ދިގު ގޮނޑިއެއްގައި ބޭންދިއެވެ. އޭރު ގަޑީން މެންދުރު ބާރަ ޖަހަނީއެވެ. ޤާސިމް ހީކުރީ އޭނާ ތެދުބަހުން ދެންނެވީމާ އެ އުޅެނީ އޭނާ ދޫކޮށްލަން ކަމަށެވެ. ބާރަ ޖެހުމުން އޮފީސްތައް ބަންދުކޮށްފައި އެންމެން ނުކުމެއްޖެއެވެ. އިރުކޮޅަކުން ޢަބްދުލްޙަންނާނު ވެސް ނުކުމެވަޑައިގެން ވަޑައިގެންފިއެވެ. އެކަމަކު އިސްތަފާ އިބްރާހީމް މަނިކު އިންނެވިއެވެ. އޭނާ އުޅުއްވާގޮތުން
ބޭރު ގޮނޑީގައި މީހަކު ބައިންދާފައި އިންކަމެއް އެނގިވަޑައިގަންނަވާ ކަމަކަށްވެސް ނުހައްދަވައެވެ. އިރުގަނޑެއްވީމާ ޤާސިމް ތެދުވެގެން ގޮސް އިބްރާހީމް މަނިކު އަރިހުގައި އޭނާ ހަދަންވީ ކިހިނެއްތޯ ސާފުކޮށްލަން ދެންނެވީމާ ވިދާޅުވިއެވެ. ބަންދުކުރަނީއެވެ.
ޤާސިމް ޖަލުގައި ހައްޔަރުކުރަނީއެވެ. ޤާސިމް ހުއްޓުން އެރިއެވެ. ދެރަވެގެންގޮސް ބުނާނެ އެއްޗެއްވެސް ހިތަކަށް ނައެވެ. އޭނާ ޖަލަށްލާންޖެހޭ ފަދަ އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހައި ޤާނޫނުތަކާއި ރައީސް އޮފީހުގެ ދެންނެވުންތައް ހިތުދަހެވެ. ގެޒެޓްވެސް ހިތުދަހެވެ. އެއްވެސް ޤާނޫނެއްގެ ތެރެއިން، ޤަވާޢިދެއްގެ ތެރެއިން އޭނާ ކުށްވެރި ކުރެވޭނެ ގޮތެއް ނުދެއްކޭނެއެވެ. ހިތުތެރޭގައި ރުޅިވެރިކަމެއް ވެސް އުފެދެންފެށިއެވެ.
ސޭފްޓީގެ ދިގުގޮނޑީގައި ބައިންދަބައިންދައިފައި ޤާސިމް ނެރެފިއެވެ. އެ މީހާ އޭނާ ގޮވައިގެން ސޭފްޓީން ނެރެގެން ބަނޑޭރިގޭގެ ބޮޑުދޮރުން ނުކުމެގެން ގޮސް ފުލުސް އޮފީހާއި ހަވާލުކުރިއެވެ. ފުލުސް އޮފީސް ހިންގަނީ ގުޅަކުޅޭ ފަސްގަ ނޑަށް ހުންނަ ސިފައިންގެ ގޭގެނއިމާރާތުގެ ބައެއްގައެވެ. އެ ތަނަށް ކިޔަނީ ފެހި އޮފީހެވެ.
އޮފީހުގެ ދޮރާށިން ނުކުތީމާ މަގުގެ އަނެއްފަރާތުގައި ކުރިން ބޯނުގެ ހުރި ހިސާބުގައި އެކި ކަންކަމުގައި ހައްޔަރުކުރާ މީހުން ބައިތިއްބަން ގޮޅިތަކެއް ހަދާފައި ހުރެއެވެ. އެތަނަށް މީހުން ކިޔަނީ ބޯންގޭ ޖަލެވެ. ޖަލު ގޮޅިތައް ހަދާފައި ހުންނަނީ މުދާވައްދަން ކުރިން ބޭނުންކުރި ބޯންގެ ތަޅައިލުމަށްފަހުއެވެ. އެދިމާގައި ކުޑަކުޑަ މިސްކިތެއް ވެސް ހުރެއެވެ.
ފުލުސްއޮފީހުގައި އިރުގަނޑެއް ވަންދެން ބައިންދައިފައި ނެރެގެން ޤާސިމް ގެންގޮސްލީ ބޯންގޭ ޖަލުގެ ކުޑަ ގޮޅިއަކަށެވެ. ޖަލަށް އޭނާ ވެއްދިއިރުވެސް ހުރީ އޮފީސް ރަސްމީ ހެދުމުގައި ބޫޓާއި ޓައީގައެވެ. އިރުކޮޅެއް ނުވަނީސް ދާހިއްލާ ފޯވެއްޖެއެވެ. އަވިގަދަ ދުވަހެއްގައި މެންދުރުފަސްއަތަށް އަޅާލީމާ ގޮޅިތެރެ ހޫނުކަމުން ކެތްކުރަން ވެސް ދައްޗެވެ. އެހާ އެ ޒުވާން އުމުރުގައި އިޚްލާސްތެރިކަމާއެކު ރެއާއި ދުވާލު ސަރުކާރުގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދަނިކޮށް، އެއްވެސް ކުށެއްނެތި އެގޮތަށް ޖަލަށްލުމުން ޤާސިމަށް ވަނީ ވަރަށް ފުން އަސަރެއް ކޮށްފައެވެ. ގޮޅީގައި ހުރެގެން ދެކޮޅަށް ހިނގެނީއެވެ. މި ވީގޮތުން ވަޒީފާ ގެއްލިގެންދާނެކަން ކަށަވަރެވެ. ބައެއް ފަހަރު ބައްޕަގެ މަތީން ހަނދާންވެއެވެ. އެންދެރިމާގޭ ދޮންބެއާއި ހައްވަންތަމެން ބުނާނީ ވެސް ކީކޭހެއްޔެވެ؟ ކުރާނެކަމެއްނެތެވެ.
ތިން ހަތަރު ފަހަރަކު ޑިއުޓީގައި ހުރި ސިފައިންގެ މީހާ ގާތު ބުނެގެން، އިރުއޮއްސޭން ކައިރިވެފައި ވަނިކޮށް، ހައިވަކަރު އަޙްމަދު ފުޅާއި ރަންވިއްކާ އަލިމަނިކާއި އެފް މުޙައްމަދު ޢަލީ އެ ތަނަށް އަތުވެއްޖެއެވެ. އަޙްމަދު ފުޅަކީ ސިފައިންގެ ތަޙްޤީޤުތަކާބެހޭ ބައިގެ މީހެކެވެ. އެ މީހުން އައިސް ޤާސިމް ނެރެގެން ގެންދިޔައީ އެ ތަނުގައި ހުރި ރުކެއްގެ ހިޔަލަށެވެ. ޤާސިމް ތިޔަ ކިޔަނީ ކީކޭހޭ އެ މީހުން އެއްސެވެ. ދެން ކަންތައް ހިނގައިދިޔަ ގޮތް އެ ބޭކަލުންނަށް އޭނާ ކިޔައިދިނެވެ.
އަދި ދެންނެވިއެވެ. އަޅުގަނޑު ސާފުކޮށްލަން ބޭނުންވަނީ އަޅުގަނޑު ޖަލުގެ ކުޑަ ގޮޅީގައި ބަންދުކުރަން ޖެހުނީ ކޮން ޤާނޫނަކުން ބާރު ލިބިގެންތޯއެވެ؟ ދެން އެ ބޭކަލުން ކިޔައިފިއެވެ.
ޤާސިމް ތި ބަންދުކުރީ ސޭފްޓީ މިނިސްޓަރު ނޫންތޯއެވެ؟ ތިޔައީ ފުލުސް އޮފީހުން ކުރިކަމެއް ނޫނެވެ. ސޭފްޓީ މިނިސްޓަރަށް ދަންނަވައިދޭންވީ ހެއްޔެވެ؟ ޤާސީމް އާދޭހޭ ދެންނެވިއެވެ. އަޅުގަނޑު އޮޅުންފިލުވަން ބޭނުމެވެ. އެތަނުން އެއް ބޭކަލަކު ބުނުއްވިއެވެ. މިއަދު އިރުއޮއްސިއްޖެއެވެ. މިއަދަކު ދެން ނުވާނެއެވެ. ތިޔަކަން ވާނީ މާދަމާއޭ ބުނުއްވާފައި އެދެބޭކަލުން ދުރުވެއްޖެއެވެ.
އެރޭ ޤާސިމް އޮންނަން ޖެހުނީ ޖަލުގެ ކުޑަގޮޅީގައެވެ. މިއީ އޭނާގެ ހަޔާތުގައި މިފަދަ ބިރުވެރި ތަޖުރިބާއެއް ކުރަން ޖެހުނު ފުރަތަމަ ރެއެވެ. ގޮޅިއަށް އަލިކުރަން 150 ވޯޓްގެ އަލިގަދަ ބޮތްކެއް ދިއްލާފައި އޮތެވެ. ޤާސިމް ކުރިކަމަކީ ތަންކޮޅެއް އަލިމަޑުކުރަން އޭނާ ލައިގެން ހުރި އިސްޓާކީނު ބާލާފައި ބޮކީގައި އޮޅާލުމެވެ. ހަމަ އޮޅާލިތަނާ އިސްޓާކީނުން ދުންއަރާފައި އޭތި ބޮކި މައްޗަށް ވިރިއްޖެއެވެ. އިސްޓާކީނު ވިރިގެން
ދިޔައިރު ބޮކި ހީވަނީ ދަވާދުލައިފައި ހުރިހެންނެވެ. ނިދޭތޯ އުޅެއުޅެ ލޯ މަރައިލެވޭގޮތެއް ނުވިއެވެ. ގޮޅިތެރެ އޮތީ ތަޅުން އަޅައިފައެވެ. ނިދަން އޮންނަންޖެހެނީ ތަޅުންމަތީގައި ކުނަލެއް ފަތުރައިލައިގެންނެވެ. އެހެން އުޅެއުޅެ ހުއްޓައި ފަތިސްވެއްޖެއެވެ. ދެން ފާޚާނާއަށް ދާންވެގެން ގާޑު ގާތުގައި އެދުމުން ދޮރުހުޅުވާލަދިނީމާ ފާޚާނާއަށް ވަދެލަން ދިޔައިރު ބައިވަރު މީހުން ކިޔުގައި ތިއްބެވެ. އެތައްއިރަކު ހުރެފައި އޭނާއާ ޖެހުނީމާ ފާޚާނާއަށް ވަންއިރު އަރާ ނުބައި ވަހަކުން ނޭވާ ދަމާލާކަށް ކުޅަދާނައެއް ނޫނެވެ.
ފާޚާނާއިން ތާހިރުވާން ވެސް ފެންވަރާންވެސް ހުންނަނީ އެންމެ ވަޅެކެވެ. ވަޅުކައިރީގައި ފާޚާނާ ތަށްޓެއް ބަހައްޓައި ތަށި ހުންނަނީ ވަޅުގަނޑަކާ ގުޅައިފައެވެ. އިންސާނަކަށް އެ ތަނުގައި ރަނގަޅަށް ނޭވާއެއް އެތެރެއަށް ދަމައެއް ނުލެވޭނެއެވެ. ބޮޑުކަމު ހާޖަތަށް ގޮސްފައި މީހުން ދޮންނަނީ ބިންމައްޗަށެވެ. ފެންވަރާ ވަޅުގެ ވަށައިގެން އޮންނަނީ ނުތާހިރު ނަޖިސް ފެންގަނޑެކެވެ. ވަޅުތެރެއަށް ބަލައިލީމާ އެވީގޮތެއް ހިތަށް ވެސް ގެންނާކަށް ނޭނގެއެވެ. ވަޅުތެރެއިން ފެންނަނީ ހުއިފިލަނޑާއަށް ފިތާލީމާ ނުކުންނަ
ކަހަލަ ހުދުކުލައިގެ ވާތަކެއްހެން ހުންނަ އެއްޗެހިތަކެކެވެ. ޤާސިމް ގުދުވެލާފައި ފެން ނަގަން ވަލެއްޖަހައިފައި އޮންނަ ބާލިދީން ފެންފޮދެއް ނަގައިގެން މޫނު ދޮންނަން ހަދާނެ ގޮތަކާމެދު ވިސްނާން އިރުކޮޅަކު ހުރެވުނެވެ.
އެ ދުވަހުގެ ހެނދުނު ދިހައެއްޖަހާކަށްހާއިރު، ޖަލު ބަލަހައްޓާ ސިފައިންގެ މީހަކު އައިސް ޤާސިމް ސޭފްޓީއަށް ގެންދިޔައެވެ. ބޭންދީ ކުރީދުވަހު ވެސް ބޭންދި ދިގު ގޮނޑީގައެވެ. އިރުކޮޅަކުން އިސްތަފާ އިބްރާހީމް މަނިކު ނުކުންނަވާފައި ވިދާޅުވިއެވެ. މި ގެނައީ ޤާސިމްގެ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ. ޤާސިމް ގާތު ބުނަން މިނިސްޓަރ ވިދާޅުވީ ކުށްވެރިވީ ފުރަތަމަ ސުވާލުކުރުމާ ގުޅިގެން ދޮގު ހެދުމުންނެވެ. ދޮގަކީ އަތޮޅު އޮފީހަށް ސިޓީ ފޮނުވިކަމަށް ބުނުމެވެ.
ދެން ޤާސިމް މި ހައްޔަރުކުރެވުނީ ފުރަތަމަ ބުނުމާ ގުޅިގެން ދޮގުހެދުމުންނޭ އިބްރާހީމް މަނިކު ވިދާޅުވިއެވެ. ބަންދުކުރަނީ ގޭގައި ކަމަށް ވެސް ވިދާޅުވިއެވެ. ސޭފްޓީން ބަޔާން ނަގާފައި ޝަރީއަތަށް ފޮނުވުމުން ތިން މަސް ދުވަހު ގޭގައި ބަންދުކުރަން ހުކުމްކުރިއެވެ. ގޭ ބަންދުގައި ޤާސިމް ހުރީ ޢައްބާސްގެ ގެ ސިލްވަރކްލައުޑްގައެވެ. ބަންދުގައި ފަނަރަ ވަރަކަށް ދުވަހު ހުރެފައި ރަށަށް ބަދަލުކޮށްދެއްވައިތޯ ސޭފްޓީއަށް ސިޓީއެއް ލިޔުމުން އެ ގޮތަށް ނިންމައިދިނެވެ.
ރަށަށް ދިޔައީ ބައިސްކަލް ހިފައިގެންނެވެ. އެއީ މާމިގިއްޔަށް ބައިސްކަލެއް ގެންދިޔަ ފުރަތަމަ ފަހަރެވެ. ރަށަށް ބަދަލުކޮށްދިނުމުން ހުކުމުގެ މުއްދަތު ހަމަވަންދެން ކިޔަމަންތެރިކަމާއެކު ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކޮށްގެން ޤާސިމް ހުއްޓެވެ.


6 Comments
ގުޅުންހުރި
ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދި ދެ މީހުން ހައްޔަރުކޮށްފި
ރޭސިން މުބާރާތެއްގެ ޕްރެކްޓިސްއަށް ދިޔަ ޒުވާނަކު އެކްސިޑެންޓުވެ، ވެންޓިލޭޓަރުގައި ފަރުވާ ދެނީ
ކާރެއް ކޮންޓްރޯލުން ނެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެޗްއާރްސީއެމުން ވެސް ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަނީ
އިމިގްރޭޝަން ޑިޓެންޝަންގައި ތިބި 17 ބީދޭސީއަކު ކާނާ ވިހަވެގެން ފަރުވާ ދެނީ
ސްޓެލްކޯގެ އެޕް ޑައުންވީ ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން، މައްސަލަ ހައްލުކޮށްފި