ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް މާލޭގައި ބަހާނީ މި މަހުގެ 20 އިން 28 އަށް

ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސް ދަޅު ކޭސް މާލެ ސަރަަހައްދުގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ބަހަން އެސްޓީއޯ އިން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގޮތަށް ކޮންމެ ގެއަކަށް ވެސް ދޫކުރާނީ 180 ގްރާމްގެ 48 ދަޅު ހިމެނޭ ތެޔޮ މަސް ކޭހެކެވެ.

އެސްޓީއޯ އިން މިއަދު ބުނީ، މާލެ ފިޔަވައި އެހެން ރަށްރަށުގައި ރޯދަމަހަށް މަސްދަޅު ކޭސް ބަހަން އިއްޔެ ފަށާފައިވާއިރު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޭސްތައް ބަހާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. އެ ތާރީހަށް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން ދުރާލައި އެކަން އަންގާނެ ކަމަށް ވެސް ބުންޏެވެ.