މާރޗް 4, 2025

އިހުސާނަށް އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ވަގު ފޯމު ހުށަހެޅި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ ފަރާތުން މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

އެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މަޖިލީހަށް ވައްދައިފައިވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 12 މެންބަރުންގެ ސޮޔާއެކުގަ އެވެ.

އެމްޑީޕީން ހުށަހެޅި އެ މައްސަލައިގައި ވަގު ފޯމުތަކުގެ މައްސަލައިގެ އިތުރުން އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ ”ބެސްޓިނެޓް“ ކުންފުންޏާ ހަވާލުކުރި މައްސަލަ އާއި ފުލުހުންގެ ތަހުގީގަތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ވެސް ވަނީ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ހިމަނައިފަ އެވެ.

އެމްޑީޕީން އިހުސާން ވަކިކުރަން ބޭނުންވާ މައިގަނޑު ސަބަބުތައް ގުޅެނީ ޕީއެންސީއަށް މެންބަރުން އިތުރުކުރަން އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރަކާތާ އެވެ. މި ހަރަކާތުގެ ތެރެއިން އެތައް ބައެއް ޒާތީ މައުލޫމާތު ނަގައިގެން އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވައި، އެ މައްސަލައާ ގުޅިގެން ވޯޓަށް އަހައިފަ އެވެ.

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުން އެކަންޏެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރަކު ވޯޓު ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމާ ދެކޮޅަށެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވުމަށް މަޖިލީހުގެ 47 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެންބަރުންނެވެ.