ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު އަމިއްލަ ގޮތުންނެވެ. މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރުމަށް ވޯޓަށް އެހީ ރޯލް ކޯލް ވޯޓު ނަގައިގެންނެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ނިޒާމަށް މައްސަލައެއް ދިމާވުމުގެ ސަބަބުންކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
އެ ބިލް މިއަދުގެ ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ބިލަށް ތާއިދު ކުރެއްވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
މި ބިލަށް ވޯޓަށް އަހަމުން ގެންދެވިއިރު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނިކުމެވަޑައިގެންފަ އެެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ.
ބިލު ފާސްކުރިއިރު މިއަދު ހެނދުނު 11:00 އަށް އޮތީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ