މާރޗް 4, 2025

މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފި

މަޖިލީހުގެ ބާރުގަދަ މުހިންމު ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތާކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވަކިކޮށްފި އެވެ

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އަޒާން އެ ކޮމިޓީތަކުން ދުރުކޮށްފައި މި ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި ގާނޫނު ބަދަލުކުރުމާ ދެކޮޅު ހައްދަވައި އެ ބިލާ ގުޅިގެން ޕީޖީން ނެރުނު ވިޕްލައިންއާ ހިލާފުވުމުންނެވެ.

އެ މައްސަލައިގައި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ވަޓްސްއެޕް ގުރޫޕުންވެސް އަޒާން ވަނީ ބޭރުކޮށްފަ އެވެ. އެ ގުރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އިންނަވާ ގުރޫޕެކެވެ.

މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީން އަޒާން ވަކިކޮށް، އެހެން ދެ ކޮމިޓީއަކަށް އޭނާ އައްޔަންކޮށްފައިވާކަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާން ކުރައްވާފަ އެވެ.

އެގޮތުން އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާނެވެ. އަދި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލެވެ.

އޭގެ ބަދަލުގައި އަޒާން އައްޔަންކޮށްފައި ވަނީ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީއަށެވެ.