ކަސްޓަމަރުންނަށް ގާތްގާތުގައި ދެ ބިލެއް ފޮނުވާފައިވަނީ މި ރޯދަމަހު ކަރަންޓު ބިލުން ދޭ 10 ޕަސަންޓުގެ ޑިސްކައުންޓް، އެންމެ ފުރިހަމައަށް ލިބިދިނުމުގެ މަގުސަދުގައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
އެހެން މަސްތަކާ ހިލާފަށް ރޯދަމަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް، މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓު ބިލުން 10 ޕަސަންޓުގެ ޑިސްކައުންޓު ދިނުމަށް ނިންމައިފަ އެވެ.
އެ ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމާފައިވަނީ ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ހަދައިގެންނެވެ. ރޯދައަށް ވަކި ބިލެއް ތައްޔާރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ފެބްރުވަރީ މަހުގެ ބިލު ވަނީ ކުރިން ފޮނުވައިފަ އެވެ. އެހެންވެ، ޖަނަވަރީ މަހުގެ ބިލާއި ފެބްރުވަރީ މަހުގެ ބިލު މާގާތްގާތުގައި އައިކަމުގެ ކަންބޮޑުވުން ބައެއް މީހުން ދަނީ ފާޅުކުރަމުންނެވެ.
އެކަންބޮޑުވުންތަކާ ގުޅިގެން ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއަކީ ގައުމީ ހިދުމަތުގެ 75 އަހަރުގެ ރެކޯޑެއް އޮތް ކުންފުންޏެއް ކަމަށާއި ސްޓެލްކޯ އިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
އެގޮތުން ކަސްޓަމަރުންނަށް ގާތްގާތުގައި ދެ ބިލު ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށް ކަމަށާއި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާ ގޮތަށް އެ ބިލު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”މި ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލުގައި ހިމެނުންވެސް ހިމެނޭ. މީގެ ކުރިން މި ދެންނެވި ބެކްލޮގާއެކު އެ ބިލު ފޮނުވާ ނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖުގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު،“ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ އެ ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފުތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލު ޑެލިވާ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލުގައިވާ ރީޑިން އާއި މީޓަރާ އަޅާކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށެވެ.

ގުޅުންހުރި
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް
މިފްކޯގެ ފުރަތަމަ ބޭރު ސީއީއޯ 3 މަސް ނުވަނީސް މަގާމުން ވަކިކޮށްފި
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރުވީ އިތުރު!
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފި
ފެން ހިންދާ ޕަމްޕުތައް ގެނައީ ރައީސް އަންގަވައިގެން: ނަރީޝް