ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިނިވަން މުއައްސަސާތަކަށް އެ މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެވާފައިވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ދިމާކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް މަދުކުރުމުގެ ބިލެއް މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ.
އެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސްލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބަލަން ފަށައިފަ އެވެ.
އެ މައްސަލަ ބަލަން ފަށާފައިވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާގެ ސިޓީގައި ސުއޫދު ވަނީ ރައީސް މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިވަން މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނޫން ކަމަށާއި އެއީ ދުސްތޫރީ ނިޒާމު ހިނގަންޖެހޭ ގޮތް ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިިނިވަން މުއައްސަސާތަކަށް މުސްތަގިއްލު ކަމާއެކު އެ މުއައްސާސަތަކާ މަތިވެރިކުރެވިފައިވާ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެއްވާފަ އެވެ. އަދި އެފަދަ މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުންދިއުމެވެ.“ ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޖޭއެސްސީއަށް ސިޓީ ފޮނުއްވުމުގެ ބަދަލުގައި ސުއޫދު، ރައީސް މުއިއްޒަށް ސިޓީ ފޮނުއްވީ އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވުމުގެ ބޭނުމުގައި ކަމަށެވެ.
ނަމަވެސް ސުއޫދާއި އެހެނިހެން ފަނޑިޔާރުންނާ މެދުވެސް އަމަލުކުރަމުން ދަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ހަމަތަކުގެ މަތިން ކަމަށާއި އެއީ ވަކިވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ ހުއްޓުވޭނެ ކަންކަމެއް ނޫން ކަމަށްވެސް ޕީއެންސީން ބުންޏެވެ.

1 Comment
ގުޅުންހުރި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް