މިހާރު އޮތް މަޖިލީހަކީ ރައީސް މުއިއްޒު ވިދާޅުވާހާ ގޮތަކަށް މަސައްކަތް ކުރާނެ މަޖިލީހެއް ނޫން: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަކީ ސަރުކާރުން އަންގާހާ ގޮތަކަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާހާ ގޮތަކަށް މަސައްކަތްކުރާ މަޖިލީހެއް ނންކަން ރައްޔިތުންނަށް މިއަދު ހާމަވެގެންދާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގެ ބިލު ރައީސް މުއިއްޒު ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލައިފަ އެވެ.

އެ ބިލާމެދު އަމަލުކުރާނެ ގޮތަކާމެދު ބަހުސް ކުރުމަށް މިއަދު މަޖިލީހުގައި ހުޅުވާލުމުން ފަލާހު ވިދާޅުވީ, ޕީއެންސީގެ ބޮޑު މެޖޯރިޓީ އޮތަސް މަޖިލީހުން ފާސްކުރާ ކޮންމެ ފާސްކުރުމެއް ރައީސް ގަބޫލެއް ނުކުރައްވާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ބިލު އަނބުރާ ފޮނުވާލުމުން އިދިކޮޅު ފަރާތްތަކަށްވެސް ސާފު ޖަވާބެއް ލިބިފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

”މި މަޖިލީހަކީ ސަރުކާރުން އަންގާހާ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާހާ ގޮތަކަށް މަސައްކަތް ކުރާ މަޖިލީހެއް ނޫން ކަން ވެސް ރައްޔިތުންނަށް މިއަދު ހާމަވެގެންދާނެ.“ ފަލާހު ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފަލާހު ހުށަހެޅުއްވީ ބިލު އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވާށެވެ. ނަމަވެސް އެ ބިލަކީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިވަނިކޮށް އެ ބިލަށް އިތުރަށް ބަހުސް ކުރުމެއް ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ބިލަށް ވޯޓު ނުދެއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ބިލު ތަޅުމުން ބޭރުކޮށްލަން ހުށަހަޅުއްވައިފަ އެވެ.