ޖޫން 8, 2025

ޝަމްއާނާ ގުޅުން ރަނގަޅު، ފިޔަވަޅު އެޅީ ގާނޫނޫ ފުށޫއަރާ ހިސާބަށް ކަންކަން ދިޔާމަ: އިހުސާން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު އާއެކު އޮތީ ގާތް ގުޅުމެއް ކަމަށާއި ނަމަވެސް އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހުނީ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ފާހަގަވުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޝަމްއާންއާ ދެ މީހުން މަސައްކަތް ކުރީ އެއްކޮށް ކަމަށާއި ކުރެވުނު މަސައްކަތްވެސް ރަނގަޅު ކަަމށެވެ. ނަމަވެސް އެއްވެސް މީހަކު އިސްތިސްނާ ކުރުމެއް ނެތި މި ސަރުކާރުން ގާނޫނު ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި އެވެ.

”އެހެންވީމަ ގާނޫނު އެ މީހަކާ ފުށުއަރާ ހިސާބުން އެ އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިދާރާއަކުން އަޅާނެ. އެއީ އަޅުގަނޑު ވިޔަސް އިނގޭތޯ. އަދި މަނިކުފާނުމެން ވިޔަސް. އެއީ އެކަން އޮންނާނެ ގޮތް،“ އިހުސާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން މައްސަލައެއްގެ ތަހުގީގަށް ޝަމްއާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ޝަމްއާން ހައްޔަރުކުރި އިރު އިހުސާން އާއެކު އޮންނަ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތަކެއް އޭރު ފެތުރުނެވެ.