ޖޫން 8, 2025

ޝަމްއާންގެ މައްސަލަ: މާދަމާ ތަފުސީލު ހާމަކުރާނެ ކަމަށް އިހުސާން ވިދާޅުވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ފްރޭމް ނުކުރާ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ މައްސަލައާ ގުޅޭ ތަފުސީލު ހާމަކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ޝަމްއާނާއެކު ވަރަށް ގާތްކޮށް މަސައްކަތްކުރި ކަމަށާއި ނަމަވެސް ކިތަންމެ ގާތް ބޭފުޅަކަސް ގާނޫނާ ހިލާފުވާ ހިސާބުން ގާނޫނު ތަންފީޒުކުރަން ފަށާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

”އެ މީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން. އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ. އެހެންވީމާ ގާނޫނު ތަންފީޒުކުރަމުންދާއިރު އެ މީހާ ހުރި މަގާމެއް އަޅުގަނޑުމެން ނުބަލާނަން،“ އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ޝަމްއާން ފްރޭމް ކުރުމަށް އެއްވެސް މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ.

”އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލާގައި މިހާރު ހައްޔަރުގައި އޮތް ބޭފުޅާ އޮތީ އެ މައްސަލާގައި ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެން ކަން،“ އިހުސާން ވިދާޅުވި އެވެ.

ޝަމްއާން ފްރޭމް ނުކުރާ ކަމުގެ ޔަގީންކަން އޭނާގެ އާއިލާއަށް ވެސް ދޭން ބޭނުންވާ ކަމަށް އިހުސާން ވިދާޅުވި އެވެ.