ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ އަޒްމިރަލްދާ އަލީ ޒާހިރު އަދި މަހާޒް އަލީ ޒާހިރުއާ ގުޅޭގޮތުން ސްލޫކީ މައްސަލަ ބެލިއިރުގައާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރި ކޮމިޓީން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއިރު ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާތީ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގެންނަން އުޅުނު އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށަން ތައްޔާރުވެފައި އޮއްވައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ތިން ފަޑިޔާރުން ކަަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދު ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.
އޭގެ ތެރެއިން އަޒްމިރަލްދާ އާއި މަހާޒްގެ ސުލޫކީ މައްސަލަ ބަލަން ފެށީ ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރުމުން އޭނާ ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.
ސުއޫދުގެ ސުލޫކީ މައްސަައެއްގެ ގޮތުގައި ބަލަމުންދިޔައީ، ސުޕްރީމް ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022ގައި ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަދައްކާފަައިވާ ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގައި މާޗު މަހުގެ ތެރޭގައި ސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް އަޒްމިރާލްދާއާއި މަހާޒް އެ ބޭފުޅުންގެ މައްޗަށް ޖޭއެސްސީން ކުރި ތުހުމަތުތަކަށް އިންކާރުކޮށް، އެ މައްސަލަތައް ޖޭއެސްސީން ބަލަމުންދިޔައިރު، ހާޒިރުވެ ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށް އެދުނެވެ. ނަމަވެސް ޖޭއެސްސީން އެ ފުރުސަތެއް ނުދިނެވެ.
ޖޭއެސްސީން ސުލޫކީ މައްސަލަ ބެލުމަށްފަހު، ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި އެ މައްސަލަ އެ މައްސަލަ މަޖިލީހަށް ފޮނުވީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެކަން މަޖިލިސް ތަޅުމުގައި އިއުލާން ކުރުމަށްފަހު، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މައްސަލަ ފޮނުވީ، މި މަހުގެ ހަތްވަނަ ދުވަހު އެވެ.
ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ އެ މައްސަލައަށް ޖަވާބުދާރީ ވުމަށްވެސް އަޒްމިރަލްދާ ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލަ ދިރާސާކުރަން މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުން ފާސްކުރީ އެ ފުރުސަތު އަޒްމިރަލްދާ އަށް ނުދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމުގެ ތެރެއިން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގޮވާލުމުން އެކަމަށް ތާއީދު ކުރައްވައި އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަޒްމިރަލްދާ އާއި މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމުގެ އަޑީގައި ހުންނަވައިގެން ހިންގެވި ހަޑި ހުތުރު އަދި ބޭއިންސާފު އަމަލެއް ކަމަށެވެ.
”އިބިލީހަށްވެސް ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބުނު. ގާނޫނާއި ހިލާފަށް ކުރަން ފެށި ކަމެއްގައި އަލުދުވެރިކަމެއް ނޯންނާނެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޖޭއެސްސީން ދިނީ ބޮޑު އަނިޔާއެއް،“ އަލީ ހުސެއިން ވިދާޅުވި އެވެ.

ގުޅުންހުރި
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ސުއޫދު، އަޅުގަނޑު އެކަމެއް ނުކުރަން: އުޝާމް
ޕަބްލިކް ވޯކްސްއަށް ގެނައި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!