ވައްކަމުގެ ތުހުމަތުތަކެއް އަމާޒުވި މުއާޒްއާއި ވަޖީހު ޕީއެންސީއަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމިއްލައަށް އިސްތިއުފާދެއްވި މުއާޒް ރަޝީދު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުން ވަކިކުރެއްވި މުހައްމަދު ވަޖީހު އިބްރާހިމް ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

އެ ދެ ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަތީ ރޭ ބޭއްވި އެ ޕާޓީގެ ސެނެޓް ބައްދަލުވުމެއްގަ އެވެ. އެ ދެ ބޭފުޅުން ވެސް ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އައްޔަންކުރައްވައި އިގުރާރު ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މަގާމުން އިސްތިއުފާދެއްވި އިސްމާއީލް ސުހައިލް ވެސް ވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ހަމަޖައްސައިފަ އެވެ.

ޕީއެންސީއާއެކު ކުރިން ކޯލިޝަންގައި އޮތް މިހާރު އުވާލާފައިވާ ޕީޕީއެމްގައި ތިއްބެވި ގިނަ ބޭފުޅުން ރޭ ވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ހަމަޖައްސައިފަ އެވެ.

އަދި ވަނީ ޕީޕީއެމްގައި ކުރިން ތިއްބެވި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ޕީއެންސީގެ ނައިބު ރައީސް ކަމަށް ހަމަޖައްސަވައިފަ އެވެ.