މެއި 26, 2025

ސިފައިންގެއަށާއި ފުލުހަށް ވައްދާ ޕްރޮގްރާމަށް 650 އަށްވުރެ ގިނަ ކުދިން ހުށަހަޅައިފި

ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، މޯލްޑިވްސް ނޭޝަނަލް ސާވިސްގައި މިހާތަނަށް 650 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ އޭޕްރިލް 30 ވަނަ ދުވަހު ފެށިގެން މި މަހުގެ ނިޔަލަށެވެ.

އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އޭގެ ތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކު ބެލެނިވެރިޔާ އިއުތިރާޒު ނެތްކަމުގެ ސިޓީއެއް ހުށަހަޅަންޖެހެ އެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ޕްރޮގްރާމުގައި މިހާތަނަށް 658 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އެއީ 538 ފިރިހެން ކުދިންނާއި 120 އަންހެން ކުދިން ކަމަށާއި އޭގެ ތެރެއިން 16 އަހަރާއި 18 އަހަރާ ދެމެދުގެ 316 ކުދިން ހިމެނޭ ކަމަށް ވިދާޅުވި އެވެ.