ޖޫން 19, 2025

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން, ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުން ޝަމްއާން ހައްޔަރުކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ޝަމްއާން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު އޮތް ކަމަށް ފުރަތަމަ ބަންދުކުރީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުުކުރުމަށް ކޯޓަށް ހުށަހެޅުމުން ހެއްކަށް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތް ކަމަށް ބުނެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކުރި އެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރު ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ފުރަތަމަ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން މައްސަލަ ބަލައިގެން އޭޕްރީލް 29 ގައި އެ ކޯޓުން ހުކުމްކުރި އެވެ.

އެ ދުވަހު ކުރި ހުކުމުގެ ރައުޔުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ޝަމްއާންގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބާރުދޭނެ ކަމެއް ދެއްކެވިފައި ނުވާ ކަމަށެވެ.

ޝަމްއާނަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކުރި ނަމަވެސް ރައުޔުގައި ފަނޑިޔާރު ވިދާޅުވެފައިވަނީ އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.

އަދި ފުލުހުންނަށް އެކަނިވެސް ތަހުގީގު ކުރެވޭނެ ކަމަށާއި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާއި ގުޅޭ ގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާ ކަމަށްވެސް ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

އެ ރައުޔަށް ފަނޑިޔާރު ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވެސް ތާއިދު ކުރެއްވި އެވެ. އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައިކޯޓުގެ އެ ހުކުމް ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް ވަނީ އޭނާ ބަންދުން މިނިވަން ކޮށްދިނުމަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު އެ މައްސަލަ ބެލުމަށްފަހު ރައުޔު އިއްވަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް އޭނާގެ ފަރާތުން ފާހަގަކުރި ނަމަވެސް އެކަމަށް ބާރުދޭނެ އިތުރު އެއްވެސް ކަމެއް ހުށަހަޅާފައިނުވާ ކަމަށެވެ.

ފަނޑިޔާރު ޝަހީދު ވިދާޅުވީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮވެއްޖެ ނަމަ ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ގާނޫނު ދަންނަ ކަމެއް ކަަމަށެވެ. އަދި ޝަމްއާންގެ ބަންދު އިތުރު ކުރުމުގެ ކަންކަން އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުން ކުރިއަށް ގެންދިއުމަކީ ގާނޫނާހިލާފު ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކުރި ނަމަވެސް ހިޔާނާތުގެ ކުށުގެ ތުހުމަތު ހިމެނޭހެން ބަންދުގައި ތިބޭ މީހުންގެ ބަންދު އިތުރުކުރުމުގެ ކަންކަން ފުލުހުންނަށް ކުރިއަށް ގެންދެވޭނެ ކަަމަށް ވިދާޅުވި އެވެ.

ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި ވިދާޅުވީ ޝަމްއާން ހެއްކައް ނުފޫޒު ފޯރުވާނެކަމުގެ އިހުތިމާލުން އޮތުން ކަމަށް ދައުލަތުން ވިދާޅުވުން ފިޔަވައި އެކަމަށް ބާރު ދޭ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންވެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ގޯސްކޮށް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު މި މައްސަލައިގައި ތާއީދު ކުރެއްވީ ރިޔާސަތުގެ ރައުޔަށެވެ. އެހެންވެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އައުލަބިއްޔަތުން މި މައްސަލައިގައި ކުރި ހުކުމުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށާއި ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ނަމަ ތުހުމަތު ކުރެވޭ ފަރާތް ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ކަމަށެވެ.

ހުކުމުގައި އިތުރަށް ފަނޑިޔާރު ޝަހީދު ވިދާޅުވީ ހިޔާނާތުގެ ތުހުމަތުވާ މީހުންގެ ބަންދުގެ ކަންކަން ފުލުހުންނަށް އެކަނި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ހިޔާނާތުގެ މައްސަލަތައް އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް ބެލިދާނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރެއްވި އެވެ. އެކަން އެގޮތަށް ނުކުރެވޭނެކަން ސުޕްރީމް ކޯޓުން މީގެކުރިންވެސް ނިންމާފައިވާނެ ކަމަށް ހުކުމުގައި ފަނޑިޔާރު ޝަހީދު ފާހަގަކުރެއްވި އެވެ.