ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރީ ރިސޯޓެއްގައި، 500 އަށްވުރެ ގިނަ މީހުން ބައިވެރިވި

ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިސް ނަގައިގެން މި އަހަރުގެ ޔޯގާ ދުވަސް ރިސޯޓެއްގައި މިއަދު ފާހަގަކޮށްފި އެވެ.

މި އަހަރުގެ ޔޯގާ ދުވަހުގެ ހަރަކާތްތައް ބޭއްވީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ. އެ ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އިރު، އިންޑިއާ އެމްބަސީން ބުނި ގޮތުގައި ހަރަކާތުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.

އިންޑިއާގައި ކުލަގަދަކޮށް ފާހަގަކުރާ ޔޯގާ ދުވަސް ރާއްޖޭގައި ވެސް ކޮންމެ އަހަރަކު ވެސް ފާހަގަކުރެ އެވެ. ނަމަވެސް، 2022 ވަނަ އަހަރު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ހުރަސް އަޅައި، ހަމަނުޖެހުން ހިންގި އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން 18 މީހެއްގެ މައްޗަށް މިދިޔަ ސަރުކާރުގައި ދައުވާ އުފުލި އިރު، މިދިޔަ ހަފުތާގެ ތެރޭގައި އޭގެ ތެރެއިން ގިނަ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ހިމެނެ އެވެ.