ސެޕްޓެމްބަރ 2, 2025

”ކަނބުލޮ“ ފިލްމުގެ ވާހަކަ ފޮތް ވިއްކަން ފަށައިފި

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ’ކަނބުލޮ‘ ފިލްމުގެ ވާހަކަ ފޮތް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

ކަނބުލޮ ފިލްމު ހަދާފައިވަނީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގައި އެންމެ މޮޅު ވާހަކައަކަށް ހޮވުނު ”ޔުކްތާ“ ވާހަކަ އަސްލަކަށް ބަލައިގެންނެވެ.

’ކަނބުލޮ‘ ފިލްމުގެ އޮފިޝަލް އިންސްޓަގްރާމް ސްޓޯރީގައި ވަނީ ’ޔުކްތާ‘ އޮލިމްޕަހުގެ ކައުންޓަރުން ވިއްކަން ފަށާފައިވާކަން އިއުލާންކޮށްފަ އެވެ. ފޮތެއްގެ އަގަކީ 150ރ. އެވެ.

’ކަނބުލޮ‘ ފިލްމަކީ ރެކޯޑް ހެދި، ކާމިޔާބު ފިލްމު ”ކަމަނާ“ ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ވަނީ 31 އޯގަސްޓް ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވައިފައެވެ. މި ފިލްމު ހުށަހަޅައި ދެނީ ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ އިންނެވެ.

ޔަޝްފާ އަބްދުލް ގަނީގެ މި ވާހަކައިގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ރާއްޖޭގައި ނެރުނު އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާ އެވެ.