ސެޕްޓެމްބަރ 2, 2025

ސިޔާސީ ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި،ޕީއެންސީއަށް 13.3 މިލިއަން

މި އަހަރަށް ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުން ދޫކުރާ ފައިސާގެ ގޮތުގައި ޖުމުލަ 27.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މި ފައިސާ ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް 10,000 މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެ އެވެ.

އަދި މި ފައިސާ ދޫކުރަނީ 10,000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ. އީސީން ބުނި ގޮތުގައި، މި ފަހަރު ފައިސާ ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާ ހަމައަށް ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައި، މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުންނެވެ.

މި ފަހަރު ފައިސާ ދޫކުރެވުނު ފަސް ޕާޓީއާއި އެ ޕާޓީތަކަށް ލިބުނު އަދަދުތައް:

ޕީއެންސީއަށް: 13.3 މިލިއަން ރުފިޔާ

އެމްޑީޕީއަށް: 8.4 މިލިއަން ރުފިޔާ

ޖުމްހޫރީ ޕާޓީއަށް: 2.6 މިލިއަން ރުފިޔާ

އެމްޑީއޭއަށް: 1.7 މިލިއަން ރުފިޔާ

އަދާލަތު ޕާޓީއަށް: 1.7 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ނިޔަލަށް މި ފަސް ޕާޓީގައި ޖުމުލަ 144,808 މެންބަރުން ތިބިއިރު، އޭގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވާ 68,968 މީހުން ހިމެނެ އެވެ.

ޕީއެންސީއަށް އެންމެ ގިނަ މެންބަރުން ތިބުމާ ގުޅިގެން އެ ޕާޓީއަށް އެންމެ ގިނަ ފައިސާ ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ.