އޮކްޓޯބަރ 13, 2025

އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން: އެމްޑީޕީ

އަންނަ ހުކުރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުމުގައި ހަމަނުޖެހުން ހިންގުމަށް ސަރުކާރުން ކުށްކުރާ ގުރޫޕްތަކަށް ފައިސާ ދީގެން އެ ގުރޫޕްތައް ނެރުމަސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

”ލޫޓުވައިފި ލޫޓުވައިފި“ގެ ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުމާ ގުޅިގެން ފުލުހުން މިއަދު ވަނީ އެ އެއްވުމަށް ހުއްދަ ދީފައިވާ ރޫޓާ ހިލާފުވެ, އެކި ބައިބަޔަށް ބެހި ކުށްކުރާ ގުރޫޕުތައް މަގުމައްޗަށް ނެރެ, މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް އެ އިދާރާ އިން ބުންޏެވެ.

ފުލުހުންގެ އެ ތުހުމަތު ދޮގުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, އެ ޕާޓީން ބާއްވާ އެއްވުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށެވެ. އެގޮތުން އެއްވުމާއި ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ފުލުހުންނާ ބައްދަލުކޮށް, އެއްވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފުސީލު ހިމަނައި ލިޔުމުން އަންގާފައިވާނެ ކަމަށާއި އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު, ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް އެއްވުން ކުރިއަށް ނުގެންދާނެ ކަމަށެވެ.

”އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަމެވެ. މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެކެވެ,“ އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ވަނީ ސަރުކާރުން ފައިސާ ދީފައިވާ ގުރޫޕްތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ގޮވާލައިފަ އެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް ނޭޅުމަށްވެސް ފުލުހުންނަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ އެއްވުމަކީ ޕީއެންސީ ސަރުކާރުން، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑާލައި، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ ރައީސްގެ ބާރުގެ ދަށަށް ގެންދަވައި، ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ރާވައިގެން ހިންގާ ސުލްހަވެރި ހަރަކާތެއް ކަމަށެވެ.

އަދި މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައިވަނީ ޕީއެންސީ ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުމަށް ކަމަށް ސާފުވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އަދި ފުލުހުންގެ ޚިދުމަތް ސިޔާސީ ކުރާ ކަމަށް ތުހުމަތުކޮށް، އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.