އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން

”ލޫޓުވައިފި، ލޫޓުވައިފި“ ނަމުގައި އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ހުއްޓުވުމުގައި ބާރުގެ ބޭނުންކޮށްފައިވާނީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, ރޭގެ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލައި, ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް, ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.

އެހެންކަމުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމެއްގެ ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލިފައިވާކަން އެނގެން އޮތުމުންނާއި ހުއްދަ ދީފައިވާ ތަން ފިޔަވާ އެހެން ތަނެއްގައި މުޒާހަރަ ކުރަން އުޅުމުން ގާނޫނު ނެގެހެއްޓުމުގެ ގޮތުން ފުލުހުންގެ ފަރާތުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު މުޒާހަރާ ހުއްޓުވުމުގައި ބާރުގެ ބޭނުންކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ, މުޒާހަރާ ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާނީ ފުލުހުންގެ ހިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިން ކަމަށެވެ.

އަދި އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމުގައި ފުލުހުން ބޭނުންކޮށްފައިވާ ބާރަކީ އެފަދަ ހާލަތެއްގައި ބޭނުންކުރުމަށް ގަވާއިދުތަކުން ހުއްދަކޮށްފައިވާ ބާރުތައް ކަމަށާޢި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސަސާތައް ނަގަހައްޓާފައިވާނެ ކަމަށްވެސް ބުންޏެވެ.