އޮކްޓޯބަރ 13, 2025

ފައްޔާޒަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލާގައި ސައުދުﷲ: ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތާ ގުޅޭ ގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ ދިފާއުގައި އެ ކުންފުނީގެ ވެރިޔާ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވާހަކަދައްކައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ މައްސަލައިގައި އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގާ ގުޅޭ ގޮތުން ސުވާލުކުރުމަށް އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް އެ އިދާރާއަށް ހާޒިރުވުމަށް ފައްޔާޒަށް ޗިޓު ފޮނުވައިފަ އެވެ.

ފައްޔާޒު އޭސީސީއަސް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުން އޭނާއަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން, ސްވިފްޓް އިންޖިނިއަރިންއަށް އެކަށީގެން ނުވާ ބަދަލެއް ދީ, އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.

އެ އަމަލުގެ ސަބަބުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށްވެސް އޭސީސީން ތުހުމަތުކުރެ އެވެ.

ސައުދުﷲ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްވިފްޓުން ހިންގަމުން ދިޔަ ހަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްޓުވައި ވަކިކުރި ކަމަށެވެ.

އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިބޫގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީއަށް އޭނާ ހާޒިރުކުރުމުން، ފައިސާއިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލުކޮށްދިނުމަށް އެދުނު ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

”އެހެންކަމުން ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވޭ. އެކަމަކު ވަކިކުރި ހަ ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ ވެލިއުއަށް ފެތޭ ގޮތަށް ފަސް ޕްރޮޖެކްޓެއް ދީފައިވޭ. އަނެއް ދެ ޕްރޮޖެކްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ވެސް އަދި ޕްރޮޖެކްޓު ވެސް ދީފައި ނުވޭ،“ އޭނާ ވިދާޅުވި އެވެ.

”މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައި ވަނީ ފައިދާ. ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް.“ ސައުދުﷲ ވިދާޅުވެފައިވެ އެވެ.