އޮކްޓޯބަރ 20, 2025

ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހެއް ކުރިއަށް ގެންގޮސްފި

ތައުލީމީ މާހައުލުގައި ހަރިކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހުގެ ތެރެއިން -- ފޮޓޯ: އައިއެމްސީޓީސީ

އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ސެންޓަރު (ޗ) އިން ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ތަމްރީން ކޯހަކާއެކު ވޯކްޝޮޕެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފިއެވެ.

”ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ކުރިމަތިލުން“ގެ ނަމުގައި ބޭއްވި އެ ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދުގެ އިތުރުން ތައުލީމީ އަދި އަސްކަރީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތައުލީމީ މުޖުތަމައުތަކުގެ ތެރޭގައި މެދުމިނުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި މިއަދު ފެށި މި ތަމްރީން ކޯހުގައި ތަފާތު ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މާހިރުން ބައިވެރިވެއެވެ.

ތަމްރީން ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވަނީ މެދުމިނުގެ މުހިންމުކަމާއި ހައްދުފަހަނައަޅާ ދިއުމުގެ ނުރައްކާތެރިކަމާމެދު މުޖުތަމައުގެ އެކި ދާއިރާތައް ހޭލުންތެރިކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ތައުލީމީ މާހައުލުގައި ހަރިކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހުގެ ތެރެއިން -- ފޮޓޯ: އައިއެމްސީޓީސީ

އޭގެ އިތުރުން އައިއެމްސީޓީސީން ބާއްވާ މިފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ކުޑަކުދިންނާއި ޒުވާނުންނަށް އިސްލާމްދީނާ ގުޅޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މުހިންމު ޕްރޮގްރާމްތަކަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މި ތަމްރީން ކޯހާއި ވޯކްޝޮޕުގައި ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ މުހިންމު ބައިތަކެއް ކުރިއަށްގެންދާނެއެވެ. އޭގެ ތެރޭގައި ހައްދުފަހަނައަޅާދިއުމަށް މަގުފަހިވާ ކަންކަން, ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތައް, އެފަދަ މައްސަލަތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ ދައުރު އަދި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތަކަށް އަވަހަށް އިޖާބަ ދޭނެ ގޮތްތައް ކިޔައިދޭނެއެވެ.

މި ތަމްރީން ކޯހާއި ވޯކްޝޮޕަކީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމާއި މެދުމިނުގެ އުސޫލުތައް ޕްރޮމޯޓް ކުރުމާ ގުޅޭގޮތުން ޓީޗަރުންނާއި ދަރިވަރުން ހޭލުންތެރިކޮށް, ތައުލީމީ ދާއިރާ އާއި ތައުލީމީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ ”ޕްރިވެންޝަން“ އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކެކެވެ.