ނޮވެމްބަރ 6, 2025

ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް! 

ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނުގެ އަތުގައި ލައިސަންސް ނޯންނަކަން ފާހަގަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

މިމަހުގެ ދެވަނަ ދުވަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެމްޕީއެލްގެ ދިވެހި މުވައްޒަފަކާއި ބިދޭސީ މުވައްޒަފަކު މަރުވި މައްސަލައިގައި އެ ކުންފުނިން ވަނީ އެތެރޭގެ ތަހުގީގެއް ފަށައިފައެވެ.

އެމްޕީއެލުން މިއަދު ބުނީ އެ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަންގައި ދެ އެކްސްކެވޭޓަރު އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނަކީ އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށާއި ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާ އިރު، ކަހާލުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެއީ ކޮޅުވެއްޓީގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން އިބްތިދާއީ ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ ޑައިރެކްޓް ޑެލިވަރީ (މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން) އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަންކަމަށް ވީ ހިނދު، އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދެ އެކްސްކެވޭޓަރު، ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު، ކޮޅުވެއްޓީގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ކޮޅުވެއްޓީގެ ކެޕްޓަންގެ އެދުމުގެ މަތިން ކޮޅުވެއްޓީގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ކޮޅުވެއްޓި ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ ދިހަ މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައި ކަމަށާއި އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބެން މެެދުވެރިވި ސަބަބަކީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ކޮޅުވެއްޓި ގިރާކޮށްފައި ކަމުގައިވުމުން ކަމަށެވެ.

ލޭންޑިންގ ކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންތައް އެ ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ އެފަދަ އޮޕަރޭޝަންތަކުގައި މިވަގުތު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ވަނީ ކުރިއަށްއޮތްތަނުގައި އަޅާނެ ފިޔަވަޅުތަކެއް ވެސް ފާހަގަކޮށްފައެވެ. އެގޮތުން އެފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެ ކުންފުނިން އަމަލުކުރަމުންދާ ގަވައިދުތަކާއި އުސޫލުގެ ތެރެއިން މިވަގުތު ބަލަންޖެހޭ ކަމެއް ނޫން ކަމަށްވިޔަސް، އެ ޢުސޫލު މުރާޖާކޮށް، މިހާރު ބަދަލުކޮށްފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

”މި ކުންފުނީގެ އެތެރޭގެ ތަހުގީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް މި ކުންފުނިން މިހާރު ދަނީ ތަންފީޒުކުރަމުންނެވެ. އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މިހާރު ޢަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ހާއްސަ އޮޕަރޭޝަންތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރުން ހިމެނެއެވެ..،“ އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ރާއްޖެއަށް މުދާ ގެންނަ ފަރާތްތަކަށް ދަތިނުވާނެެ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އައުޓާ އެންކަރޭޖް (ކަނޑުމަތީގައި މުދާ ބޭލުމުގެ އޮޕަރޭޝަންސް) ބޯޓު ފަހަރު ބާއްވައިގެން މުދާ ބޭލުމަކީ އަބަދުވެސް އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން، ބަރު ވެހިކަލްތަކާއި ޕްރޮޖެކްޓްތަކުގެ ކާގޯ އަދި އެހެނިހެން ބަރު މުދާ އެފަދަ އޮޕަރޭޝަންތަކުގައި ބާލައި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކަމަށާއި އަދި އެމްޕީއެލްއަކީ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ލިބިފައިވާ ގާބިލު މުވައްޒަފުންތަކެއް ތިބި ކުންފުންޏެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އެމްޕީއެލުން އިތުރަށް ބުނީ އެ ހާދިސާ ހިނގި ފަހުންވެސް. އެ ކުންފުނިން ވަނީ ”އެމްވީ ސެލެސްޓިއާ“ގައި ބާކީ ހުރި ދެ އެކްސްވޭޓަރު ބޭލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައި ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި މި ވަގުތުން ވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ސަލާމަތާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާއެކު ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ބަންގުލަދޭޝްގެ މަސޫދު ހޮސެއިން (32އ) އާއި ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ (25އ) އެވެ. އެ ދެ މީހުންނަކީ ވެސް އެމްޕީއެލްގައި ލޭބަރާގެ މަގާމުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.