ނޮވެމްބަރ 11, 2025

ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް 

ފުވައްމުލަކު ސިޓީގެ ފެނުގެ މައްސަލަ، ކުރިއަށްއޮތް ހަ ގަޑިއިރެއްހާއިރުގެ ތެރޭ ހައްލުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީލާ ވަލީދު ވިދާޅުވެއްޖެއެވެ.

އިއްޔެއިން ފެށިގެން ފުވައްމުލަކުގައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ ފެނުގެ ނިޒާމު ތަޣައްޔަރުވުމުގެ ސަބަބުންނެވެ.

ހީނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލަކުގެ ފެން ތަޣައްޔަރުވުމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާންގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލަކު ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ފުވައްމުލަކުގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ކުރިމަތިވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

”މިހާތަނަށް ފަސް ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1،300 ކޭސް ފެނާއި، 500 މިލިލީޓަރުގެ 1،000 ކޭސް ފެން ވައިގެ މަގުން ވަނީ ފުވައްމުލައް ސިޓީއަށް ގެންދެވިފައި،“ ހީނާ ވިދާޅުވިއެވެ.

މިހާތަނަށް 1200 ކޭސް ފެން ފުވައްމުލަކު ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށާއި އިތުރު ބޯފެން ފުވައްމުލަކަށް މިހާރު ގެންދަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.