އަންނަ ރަމަޟާން މަހު ޑޮމެސްޓިކް ރޭޓުތަކުގައި ބިލުކުރާ ކަރަންޓު ބިލުތަކަށް ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ރޯދަ މަހުވެސް، ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ލިބިގެންދާނެ ކަމަށެވެ.
އަންނަ ރޯދަ މަހު ޑޮމެސްޓިކް ރޭޓުތަކުގައި ބިލުކުރާ ކަރަންޓު ބިލުތަކަށް ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށާއި އޭގެ އިތުރަށް ބިލަށް އަރާ އަދަދު ޑިސްކައުންޓުގެ ގޮތުގައި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ނުދައްކާހުރި ބިލުތަކަށް ފައިސާދެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިހާތަނަށް 1040 ފަރާތަކަށް ފައިސާ ދެއްކިފައިވާ ކަމަށާއި އެއީ ޖުމުލަ 444.3 މިލިއަން ރުފިޔާ ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ބައެއް ކާމިޔާބީތައް ވެސް ފާހަގަކުރައްވައިފައެވެ.



