ޖުލު ހުކުމް ތަންފީޒުކުރަމުން ގެންދާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، ބިޑި އަޅުވައިގެން ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުވާން ދެކޮޅު ހަދައިފިއެވެ.
ބައްސާމްގެ މައްޗަށް އުފުލާ ދައުވާތަކުގެ ތެރެއިން ދައުވާއެއްގެ އަޑުއެހުމެއް މިއަދު ހެނދުނު 8:15 ގައި ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދަން ވަނީ ތާވަލުކޮށްފައެވެ. މަނީ ލޯންޑާކޮށްގެން ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ދައުވާގެ އަޑުއެހުން ބައްސާމް ހާޒިރުނުވާތީ ވަނީ ފެށޭ ގޮތް ނުވެފައެވެ.
އެކަމާ ގުޅޭގޮތުން ކުރިމިނަލް ކޯޓުން ބުނީ ޝަރީއަތް ނުފެށި ލަސްވަނީ ބައްސާމް ޖަލު ގޮޅިން ނުކުންނަން ދެކޮޅު ހެދުމުން ކަމަށާއި ބައްސާމް ޖަލު ގޮޅިން ނުކުންނަން ދެކޮޅު ހަދަމުންދަނީ ޖަލު ހެދުމުގައި ބިޑި އަޅުވައިގެން އޭނާ ޝަރީއަތަށް ހާޒިރުކުރާތީ ކަމަށެވެ.
ބައްސާމްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، އޭނާ މިހާރު ދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ގައި ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި ”sales of dollar“ ލިޔެފައިވީ ނަމަވެސް، 9,999 ޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، އެ ފައިސާ އޭނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން ބުނެފައިވަނީ ފީފާއިން އެފްއޭއެމަށް ދިން ފައިސާއަކީ އެފްއޭއެމްގެ ކަންކަމަށް ހަރަދުކުރަން ދިން ފައިސާކަން ހެކިތަކުން އެނގޭ ކަމަށާއި ނަމަވެސް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ފައިސާއާ ބެހޭ ކަންކަމުގައި ގޮތް ނިންމާފައިވަނީ ބައްސާމް ކަމަށެވެ. އެގޮތުން އޭނާގެ އަމިއްލަ ކަންކަމަށް ފައިސާ ބޭނުންކުރިކަން ހެކިތަކުން އެނގޭ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
ބައްސާމްގެ ވަކީލު ވިދާޅުވެފައިވަނީ އެއީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށާއި އެ އަދަދަކީ ބައްސާމަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ކަމަށެވެ. އަދި އެ ފައިސާ ނަގަން ލިޔުންތައް ތައްޔާރުކުރީ ބައްސާމްކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.




ގުޅުންހުރި
ތެޔޮ ވިއްކި ބިދޭސީންގެ އަތުގައި ވިސާއެއް ނެތް، ދޫކޮށްލީ ދިވެއްސަކާ ކައިވެނިކޮށްގެން
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓު ވައްކަން: އާރިފު ހިމެނޭގޮތަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
ޝަރީއަތަށް ވަޑައިނުގެންނެވޭނެކަން ޔާމީން ކޯޓަށް އެންގެވި: ވަކީލުން