ރިޔާސީ އިންތިހާބު ކާމިޔާބުވާނެކަމުގެ މަންޒަރު ދައްކައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މުޅިން ”ހަރާބުވި“ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިސްތިއުފާދެއްވަމުން މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ނާކާމިޔާބުވީ ސަބަބު ސާފުކޮށްދެއްވުމުން، އެކަމަށް ފައްޔާޒަށް ޝުކުރު އަދާކުރައްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިހާބަށް އެ މަނިކުފާނު ކުރިމަތިނުލައްވައި ރައީސް ސޯލިހަށް ފުރުސަތުދެއްވުމަށް ދެ ފަހަރު މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
”ރައީސް ސޯލިހުގެ ބައެއް އަރިސް ބޭފުޅުންނާއި އަދި ރައީސް ސޯލިހަށް ވެސް އެގޮތް ކަމުނުގޮސް، އަޅުގަނޑުމެން ނުލައި އިންތިހާބު ކާމިޔާބުވާނެ ކަމަށް މާބޮޑަށް ދެކެވި، މުޅި ކަން ހަރާބުވީ،“ ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.
ޗެއާޕާސަންކަމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވަމުން، ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ރައީސް ނަޝީދާއެކު މަސައްކަތްކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ހުށަހެޅުއްވީ އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، ނިޒާމީ ވޯޓެއް ނެގުމަށް ކަމަށާއި ނަމަވެސް އޭރު އެގޮތަށް އެއްބަސްނުވެވުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އޭގެ ދުވަސްކޮޅެއް ފަހުން ނަޝީދުގެ އެ ހުށަހެޅުއްވުން ގަބޫލުކުރައްވައި، ކުރިއަށްދިއުމަށް ހުށަހެޅުމެއް ހުށަހެޅުމަށް ރައީސް ސޯލިހު ދެންނެވި ކަމަށާއި ނަމަވެސް ވަކި ނިޒާމަކަށް ތާއީދުކޮށްގެން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި، އެ ނާކާމިޔާބީއާއެކު ރިޔާސީ އިންތިހާބާ ކުރިމަތިލާން ޖެހިދާނެތީ ނަޝީދަށް ހުށަހެޅުއްވީ އެހެން ގޮތެއް ކަމަށެވެ.
ނަޝީދަށް ފަހުން ހުށަހަޅާފައިވާނީ އެމްޑީޕީން ވަކި ނިޒާމަކަށް ތާއީދުނުކޮށް ނިޒާމީ ވޯޓަކަށް ދިއުމަށް ކަމަށާއި ނަމަވެސް ފަހުން އަނެއްކާވެސް އެމްޑީޕީގެ އިސްބޭފުޅުން ނިޒާމީ ވޯޓަކަށް ދާން ބޭނުންނުވި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.




ގުޅުންހުރި
ސޯލިހާއި ނަޝީދު އަދި ފައްޔާޒްގެ އަރައިރުންގަނޑެއް
ޗެއާޕާސަން ފައްޔާޒްގެ ފަހު ބަސް: ހިތަށް ވީ ތަދުގެ ބަދަލު ހޯދަން
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
ސާޖިދާއަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓު
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ
ސަރުކާރުން ހުއްދަނުދިނުމުން އެމްޑީޕީގެ އެއްވުން ފަސްކޮށްފި