ޑިސެމްބަރ 6, 2025

އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް 

”އޮޕަރޭޝަން އަލިމަގު“ގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އަދަދު 10 އަށް އަރައިފިއެވެ.

ފުލުހުން މިރޭ ބުނީ އައްޑޫގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން ދިހަ ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ސ. ހިތަދޫ / ގުލްކަނދުގެ، ހަސަން ނަޒީފް (36އ) މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ހައްޔަރުކޮށްފައިވަނީ އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ އިސް ފަރާތްތަކެއް ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. އެމީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފައެވެ.

އެއީ ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާން، ހާފިޒް ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުހައްމަދު (23އ) އެވެ.

ފުލުހުން އިއްޔެ ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމާއި ހާފިޒް ފައުޒީ އަދި އިބްރާހީމް ސިރާޖު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މިއަހަރު މާޗް މަހުން ފެށިގެން ކަމަށާއި އެ ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.