ޑިސެމްބަރ 7, 2025

ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް ވެސް ދެން ނުލިބޭނެ

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ކުރަމުން އައި ހަރަދު ކަނޑާލަން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައި މިހާރު އޮންނަނީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175,000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައި ދޭންވާނެ ކަމަށެވެ.

އެ އިނާޔަތް ކަނޑާލަން ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެ ބިލު ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުގެ ބަޖެޓުންކުރަމުން އައި ހުރިހާ ހަރަދެއް ކެނޑުނީ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސަކު، ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވާ މުއްދަތުގެ އިތުރުން، ދައުލަތުގެ އެ ނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ވެސް މާލީ އިނާޔަތް މެދުކެނޑޭނެ އެވެ. އަދި ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވަން ފައްޓަވައިފި ނަމަ އެ މުއްދަތަށް ދިވެހި ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ވެސް ދިނުން މިއަދުން ފެށިގެން ލާޒިމެއް ނުވާނެ އެވެ.