ޑިސެމްބަރ 12, 2025

މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް: ހުތުބާ

މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެ ކަމަށާއި އިގުތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމް ދީނަކީ މަސައްކަތްކުރުމަށާއި އުފެއްދުންތެރިކަމަށް ގޮވައިލާ ދީން ކަމަށާއި އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ އިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ހަލާލު ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި ރިބާއާއި ޖުވާގެ މުއާމަލާތްތައް ހަރާމް ކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި ޖުވާކުޅުމާއި އަޅުކަންކުރާން ހަދައިފައި ހުންނަ ބުދުތަކާއި ނަސީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.“

އިސްލާމްދީނުގައި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިގުތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، ދަނޑުގޮވާންކުރުމާއި މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ރަސޫލުންނާއި ނަބީންވެސް، މަސައްކަތްކުރެއްވި ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވާއިރު ދަނޑުވެރިކަމާއި އިގުތިސާދީ އެހެނިހެން ސިނާއަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ވަނީ ދިވެހިންނަކީ އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ގޮވާލައިފަ އެވެ. އަދި މުސްލިމުންނަކީ، މާތް الله އެބައިމީހުން މި ބިންމަތީގައި ބާރުވެރިކުރައްވައިފި ނަމަ، ނަމާދު ގާއިމުކޮށް، އަމުރުމައުރޫފު ހިންގާންޖެހޭ ބައެއް ކަމަށާއި މިނިވަން ވެރިކަމެއް ކުރާން ޖެހޭ ބައެއް ކަމަށްވެސް ބުންޏެވެ.