ޑިސެމްބަރ 30, 2025

ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން! 

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދުއަށް ބަދަލުކުރެއްވުމަށް ނިންމަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ގެންނަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ އިސްލާހު ގެނައުމުގެ ބޭނުމަކީ، އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ތާރީހަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުހަލާގެ ތެރޭގައި ހިމެނޭ ތާރީހަކަށްވާތީ، ބަދަލުތައް ގެނައުމަށް ކަމަށެވެ.

އެ އިސްލާހު ގެނެސްފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 8 ވަނަ މާއްދާގެ (އ) ގައި، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލާ އިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި އީސީން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުއްވުމަށް ނިންމަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ގަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނައިފައެވެ.

އެ އިސްލާހަށް އަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން އާންމުކޮށް އިއުލާނުކުރާ ތާރީހުން ފެށިގެންނެވެ

މިދިޔަ އޯގަސްޓް މަހު، ހަރިމަރަދުއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައިވަނީ ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ހަނިމާދުއަށް ބަދަލުކޮށްދޭނެ ކަމަށާއި ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދޭނެ ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ބޭނުންވާ ހައުސިން ޔުނިުޓުތައް ހަދަން ސަރުކާރުން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ސޮއިކޮށްފައެވެ.

ރައީސް ވިދާޅުވެފައިވަނީ، އެ އެއްބަސްވުމުގެ ދަށުން ހިރިމަރަދޫގެ ހުރިހާ ރައްޔިތުންނަށް ހުރިހާ ގޯތިތަކަށް، ގެއެއް އިމާރާތް ކުރާނެ ކަމަށެވެ. ހިރިމަރަދޫގައި އޮތީ ގާތްގަނޑަކަށް 154 ގޯތި ކަމަށާއި އެހެންކަމުން ހަނިމާދޫގައިވެސް އިމާރަތްކުރާނީ ގާތްގަނޑަކަށް 154 ވަރަކަށް ގެ ކަމަށް ރައީސް ވިދާޅުވިއެވެ.