ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި އުމުރުން 54 އަހަރުގެ ފައްތާހު މިރޭގެ ވަގުތެއްގައި ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ފައްތާހު ފިލްމީ ދާއިރާއިން ދުރަށް ގޮސް، އޭނާ ވަނީ 2018 ގައި ހއ. ކެލާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ފައްތާހު ދިޔައީ ކެލާގައި ވިޔަފާރިއެއް ހިންގަމުންނެވެ.
ފައްތާހުގެ އެންމެ ފަހުގެ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ 2017 ވަނަ އަހަރު ގެނެސްދިން ”ހައްދު“ އެވެ. ފައްތާހުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ”14 ވިލޭރޭ“، ”ހުރީމޭ އިންތިޒާރުގައި“، ”އާނ އަހަރެން ވެސް ލޯބިވިން“، ”ވެހޭ ވާރޭ ތެރެއިން“ އަދި އޭނާގެ ފުރަތަމަ ފިލްމު ”ހިމޭން ދުނިޔެ“ ފަދަ ފިލްމުތައް ވެސް ފާހަގަކޮށްފައެވެ.
އޭގެ އިތުރުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ސިލްސިލާތައް ވެސް ޑައިރެކްޓު ކުރިއެވެ. އޭގެ ތެރޭގައި ތިއޭ މި ހިތުގެ ވިންދަކީ“، ”ރޭޝަމް“، ”އައިޝާ“ އަދި ”ދޯޕައްޓާ“ ފަދަ ޑްރާމާތައް ފާހަގަކޮށްލެވެއެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން 2004 ވަނަ އަހަރު ގައުމީ އިނާމު ވެސް ހާސިލުކޮށްފައިވާ ފައްތާހު ނިޔާވެފައިވަނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކެލާ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން ނިންމާފައިވަނިކޮށެވެ.




ގުޅުންހުރި
އެފްއައިޔޫގެ ވެރިޔާ ސާޖިދު ސަސްޕެންޑުކޮށްފި
ފަސް އަހަރަށްފަހު ޝަންގްރިއްލާ އަލުން ހުޅުވައިފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!
މަންޑޭއަށް ހުކުމްކުރުން މާދަމާ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް