ޑިސެމްބަރ 31, 2025

އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަ ޖެއްސުމާއި ހައިލައިޓް ކުރުން މަނާ

ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކަޅުކުރުން ފިޔަވައި, ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް ކަނޑަޅައި ގަވާއިދު އިސްލާހުކޮށްފި އެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ގެނައި 15 ވަނަ އިސްލާހުގައި ވަނީ ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު ހެދުން ހުންނަންޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްދީފަ އެވެ.

އެ ގަވާއިދުގައި ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގަައި ކަޅު ފިޔަވައި އިތުރު ކުލައެއް ޖެއްސުން މަނާކޮށް, ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުން މަނާކުރި ނަމަވެސް ފިރިހެން މުވައްޒަފުންނަށް އެކަން މަނާކޮށްފައެއް ނުވެ އެވެ.

އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގައި ހިމެނޭ ކަންކަން:

• އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ލެވިދާނެ. އެ ހެދުން ހުންނަންވާނީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށާއި އަދި މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއްކަމުގައި ވާން ވާނެ.

• ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހިކަމުގައި ވުން.

• ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފު ނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް. އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮއްޓާއި ދެމެދަށް ވުރެ ކުރުނުވާ ގޮތަށް. އަތްދިގު ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށް.

• ހެދުމުގެ މަތީބައި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން ކުރިމަތިން ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ ފަޅާފައި ހުންނަބައި ހުންނަން ވާނީ މައްޗަށް އަތް ދަމާލުމުން އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް. އެ ހެދުމުގެ ދިގު މިން ހުންނަން ވާނީ ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް.

• އޮފީހުގައި އުޅޭއިރު ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ އޮފީސް ބޫޓުގައި ނުވަތަ އޮފީހާ އެކަށީގެންވާ ފައިވާނުގައި.

ސިވިލް ސާވިސް ކޮމިޝަނުން މިފަދަ ބަދަލެއް މި ގެނައީ, ސަރުކާރުގެ އޮޛީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާއީ ގޮތުން ބަލައިގަންނަ މިންގަނޑަށްވުރެ ދަށްވެފައިވާކަމުގެ ޝަކުވާތައް ލިބެމުންދާތީ, އެކަން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުންނެވެ.