ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުން މުއްދަތު ލިބޭނަމަ އެންމެ ރަނގަޅު ގޮތަކީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުތަކާއެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ބިލު ދިރާސާކުރުމުގެ މަސައްކަތްމަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ ކުރަމުންނެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަންވާނެ ކަމަށެވެ.
އެކަން އެގޮތަށް އޮއްވައި ދެ އިންތިހާބު އެއްކޮށްލާ ބިލާ ބެހޭގޮތުން އިތުރަށް ހިޔާލު ހޯދުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ، ގާނޫނުގައި އެގޮތަށް 45 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވަނީ، އެއީ އެކަަމަށް ރަނގަޅު މުއްދަތެއް ކަމަށް ރައްޔިތުންގެ މަޖިލީހަށް ފެނިގެން ކަމަށާއި ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވުމުން ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ހިސާބުން، ކެބިނެޓްގެ ލަފަޔާ އެއްކޮށް އިލެކްޝަންސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އެ ގަރާރުގައި ސަރުކާރުގެ ފަރާތުން އެ ރެފަރެންޑަމް ބާއްވަން އެދޭ ތާރީހެއް އޮންނަން ޖެހޭ ކަމަށާއި އެހެންވީމަ އެ ތާރީހެއް ކެބިނެޓުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ގަރާރުގައި އޮންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެ ތާރީހަކީ އިންތިހާބުތައް ބާއްވާ ތާރީހު ނަމަ އެއީ ގާނޫނާ ފުށުއަރާ ކަމެއް ނޫން ކަމަށާއި، ގަބޫލު ކުރައްވަނީވެސް އަދި އެންމެ ރަނގަޅު ގޮތަކީވެސް ކުރިއަށް އިންތިހާބެއް އޮތްނަމަ އެ އިންތިހާބަކާއެކު ރެފަރެންޑަމް ބޭއްވުން ކަމަށެވެ.
އެއީ އާންމު ވޯޓަކީ މުޅި ރާއްޖޭގެ ރައްޔިތުން ބައިވެރިވެގެން މުޅި ރާއްޖޭގައި ބާއްވާ އެއްޗަކަށް ވެފައި، އެފަދަ ކަމެއް ވަކީން ކުރާނަމަ ބޮޑެތި ހަރަދުތައް ކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވާތީ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް އެހެން ވިދާޅުވެފައިވާ އިރު، ކައުންސިލު އިންތިހާބާއެކު އެ ވޯޓު ނެގުމަކީ ގާތް ކަމެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.




ގުޅުންހުރި
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ
ކައުންސިލުތަކާއި ޑަބްލިޔުޑީސީ އިންތިހާބުގައި ވާދަކުރަން 1700 އަށްވުރެ ގިނަ ފޯމު
ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ