ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް ޝަރީފް 

ޕީއެންސީން 80 ޕަސަންޓުން ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރާނެކަން ހިސާބުތަކުން ދައްކާ ކަމަށާއި ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލެ އަދި ރަށްރަށުގައި ވެސް ވަރަށް ފޯރިއާއި ޖޯޝާއެކީގައި ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ކުރިއަށްދާ ތަން ފެންނަ ކަމަށެވެ.

ފެނިގެންދަނީ ޕީއެންސީގެ ހިންގުމާއި އެއްބައިވަންތަކަމާއި އަދި ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުރާލިކަން ކަމަށާއި ޕާޓީގެ އެންމެ ވަރުގަދަ ބުންވަރަކީ ރައީސްގެ މުރާލިކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހިތްވަރާއެކު ޕީއެންސީއަށް ބޮޑުތަނުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށާއި ހިސާބުތަކުން ދައްކަނީ 80 ޕަސަންޓުން އިންތިހާބު ކާމިޔާބުވާތަން ކަމަށެވެ. އަދި ވޯޓަކާ ނުލައި ހަތް ޕަސަންޓު ކާމިޔާބުކުރުވުމުން، ރައީސްގެ ސިޔާސަތުތަކާއި ރައްޔިތުން އެ ސިޔާސަތުތައް ބަލައިގަނެފައިވާކަން ދައްކުވައިދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސްގެ ތަސައްވުރާ އެއްގޮތަށް އެ މަނިކުފާނަށް އެއްބާރުލުން ދޭނެ ލޯކަލް ކައުންސިލުތަކެއް އޮތުން ކޮންމެހެން ލާޒިމު ކަމަށާއި ޕީއެންސީގެ ކޮންމެ ކެންޑިޑޭޓަކަށް ވޯޓުދިނުމަކީ ގައުމީ ގޮތުން ވިސްނައިފި ނަމަ ގައުމީ ވާޖިބެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ވިސްނައިފި ނަމަ، ޕީއެންސީއަށްވުރެ ވަކި ވޯޓުދޭން ރަނގަޅު ޕާޓީއެއް ނެތް ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.