އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް

އެމެރިކާގެ ސުޕްރީމް ކޯޓަކީ އެއްވެސް ވަފާތެރިކަމެއް ނެތް ތަނެއް ކަމަށް ވިދާޅުވެ އެ ކޯޓަށް ޑޮނަލްޑް ޓްރަމްޕް ފާޑުކިޔައިފި އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓަށް ޓްރަމްޕް ފާޑުކިޔާފައި މިވަނީ، އެކި ގައުމުތަކުން އެތެރެކުރާ މުދަލުން ނެގުމަށް ކަނޑައަޅާފައިވާ ބޮޑެތި ޓެރިފްތަކަކީ ގާނޫނީ ގޮތުން ނެގޭނެ ޓެރިފްތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާތުންގެ ތެރެއިން ހަ ފަނޑިޔާރުން ނެރުއްވި ރައުޔުގައެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނީ، ގައުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ އިންޓަނޭޝަަނަލް އެމަޖެންޖީ އެކޮނޮމިކް ޕަވަރސް އެކްޓް (އައިއީއީޕީއޭ) ގާނޫނުގެ ދަށުން އެފަދަ ޓެރިފްތަކެއް ތަންފީޒުކުރުމުގެ ގާނޫނީ ބާރު ޓްރަމްޕަށް ލިބިގެންނުވާ ކަމަށެވެ.

އެ ނިންމުމާއި ގުޅިގެން ޓްރަމްޕް ބުނީ، ޓްރިފްތައް ނެގުން ބާތިލުކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ހުރިހާ މުދަލަކުން އެއްހަމައެއްގައި 10 ޕަސެންޓުގެ ޓެރިފެއް މިހާރުން މިހާރަށް ނަގާނެ ކަމަށާއި އަދި ޓެރިފްގެ ކަންކަމުގައި މިއަށްވުރެ ވެސް ވަރުގަދަ ސިޔާސަތުތަކެއް ގެންގުޅެން ފަށާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާގެ ޑިމޮކްރެޓުންނާއި ވިޔަފާރީގެ ބައެއް ބައިވެރިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ޓްރަމްޕް ފެއްޓެވި ވިޔަފާރީގެ ހަނގުރާމަ މިއާއެކު ނިމުމަކަށް އަންނާނެ ކަމަށް އެ ފަރާތްތަކުން އުންމީދުކުރެ އެވެ.