އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން: ފަލާހު

އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ ކަމަށާއި އެންމެ ރަނގަޅު ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅު ޕާޓީއެއް މިހާރު ނެތް ކަމަށާއި 1352 ގޮނޑީގެ ތެރެއިން އިދިކޮޅު މައި ޕާޓީ އެމްޑީޕީން 450 ގޮނޑިއަށް ކުރިމަތިނުލާ ކަމަށެވެ.

އެމްޑީޕީގެ ތާއީދު ދަށަށް އޮތް ވަރު އެ ޕާޓީއަށް އެބަ ވިސްނެން ޖެހޭ ކަމަށާއި ދެން ހިމެނޭ ޕާޓީތަކުން ވެސް ކުރިމަތިލާފައިވަނީ ހަތަރު، ފަސް ގޮނޑިއަށް ކަމަށް ފަލާހު ވިދާޅުވިއެވެ.

”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ. ދެން އެބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން. އަޅުގަނޑު ގޮވާލަން އެމްޑީޕީގައި ތިބި ލީޑަރުންނަށް، އިތުރަށް ތިބޭފުޅުން ސިޔާސީ ހަރަކާތް ކުރިއަށްގެންދަން ބޭނުންފުޅުވާ ކަމަށްވަންޏާ، އާ ސިޔާސީ ޕާޓީއެއް އުފައްދަވާށޭ،“ އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ޒިންމާދާރު ރަނގަޅު މަސައްކަތްތަކެއް ކުރާ އިދިކޮޅު ސިޔާސީ ޕާޓީތަކެއް އޮންނަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއަށް މިއަދު ދިމާވެފައިވާ ހާލަތަކީ 2008 އިން ފެށިގެން މި ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި އިގުތިސާދާއި ރާއްޖޭގެ މުޖުތަމައަށް، މި ރާއްޖޭގެ ދައުލަތަށް ދީފައި ހުރި ގެއްލުންތަކާއި އެބޭފުޅުންގެ ދޮގު ވާހަކަތައް ތަކުރާރުކޮށް މިއަދާ ހަމައަށް އައި އައުމުން އެމްޑީޕީއަށް މިވަނީ ރައްޔިތުންގެ މުޅި ތާއީދު އެއްކޮށް ގެއްލިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ކުރިމަތިލައްވާ މާލޭގެ މޭޔަރު ކެންޑިޑޭޓް، އާދަމް އާޒިމް މީގެ ދެ ދުވަސްކުރިން މަގުމަތީގައި ޑޯޓުޑޯގައި އުޅުއްވަނިކޮށް ފެނުނު ކަމަށާއި ނަމަވެސް މޭޔަރު ހުންނެވީ ދެ ބޭފުޅުންނާ އެއްކޮށް ކަމަށެވެ. އަދި މުޅި އެމްޑީޕީ ބައިބައިވެ، ފެކްޝަން އުފެދިފައި އޮތުމުން މޭޔަރު ކެންޑިޑޭޓު ކައިރީގައި އެކަކުވެސް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ.