ޝަމްއާން ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށްބުނެ ހެކިބަސް ދީފި 

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު، ސްޓޫޑަންޓް ލޯނު ދެއްކީ އޭނާގެ ބައްޕަ ދިން ފައިސާއިން ކަމަށް އޭނާގެ މައިންބަފައިން ހެކިބަސް ދީފިއެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ތުހުމަތުކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 22 ގައި ވަނީ ހައްޔަރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ޝަމްއާންގެ ބައްޕަ އިބްރާހީމް ވަހީދާއި އޭނާގެ މަންމަ މުރުޝިއާގެ އިތުރުން އަނބިމީހާ އިދުފާ ފާއިޒާއި ދެ އެކުވެރިއެއްގެ ހެކިބަސް ނަގައިފައެވެ.

ޝަމްއާންގެ ބައްޕަ ހެކިބަސް ދެމުން ބުނީ އޭނާ ހިންގާ ކެފޭ އާއި ފިހާރައެއް އަދި އެޕާޓްމަންޓުގެ ކުއްޔަށް ކޮންމެ މަހަކު ވެސް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށެވެ. އަދި ޝަމްއާންގެ ލޯނުތަކަށް ފައިސާ ހަމަޖައްސައިދޭން އެދުމުން ނަގުދު ފައިސާއިން ތިން ލައްކަ ރުފިޔާ ކަޅު ކޮތަޅަކަށް ލާފައި ހަވާލުކޮށްދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ޝަމްއާންގެ މަންމަ ވެސް ވަނީ ހެކިބަސް ދެމުން އޭނާގެ ފިރިމީހާ އަދި ޝަމްއާންގެ ބައްޕައަށް ރަނގަޅު އާމްދަނީއެއް ލިބޭކަން ފާހަގަކޮށްފައެވެ.

ޝަމްއާންގެ އަންހެނުން ހެކިބަސްދެމުން ބުނީ ޝަމްއާންގެ ކާރެއް ވެސް ވިއްކާލާފައިވާ ކަމަށާއި އެގޮތުން ނަގުދު ފައިސާގެ ގޮތުގައި 10،000 ޑޮލަރާއި 250،000 ރުފިޔާ ލިބުނު ކަމަށެވެ.

ހެކިބަސްދިން ޝަމްއާންގެ ދެ އެކުވެރިންނަކީ ކާރު ވިއްކާލުމަށް ހެކިވެރިންގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރި ދެ މީހެކެވެ.

ޝަމްއާންގެ ގެއިން ފުލުހުން ހޯދި ފައިސާގެ ތެރޭގައި 250،000 ރުފިޔާ ހިމެނެއެވެ. އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ދައުލަތުން ވަނީ އެދިފައެވެ.