ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ލާ އިންސާނީ އަމަލުތަކެއް ހިންގަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް އިޒްރޭލަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާ އޮތީ ”ސާބިތުކަމާއެކު“ އިޒްރޭލާ އެކުގައި ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވެފައިމިވަނީ އިޒްރޭލަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ ދުވަހު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކްނެސެޓް ގައި ބުދަ ދުވަހު ދެއްވި ތަގުރީރުގައެވެ.
މޯދީގެ ތަގްރީރުގައި އިންޑިއާއިން އިޒްރޭލަށް ދެމުންދާ ދާއިމީ އެއްބާރުލުން ތަކުރާރު ކުރެއްވުމުން އިޒްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ކޮޅަށް ތެދުވެ މޯދީއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިއީ އިންޑިއާގެ ލީޑަރަކު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
”މިވަގުތާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް، އިންޑިއާ ސާބިތުކަމާއެކު ދެމިއޮންނާނީ އިޒްރޭލާ އެކުގަ“ މޯދީގެ ތަގްރީރު ކުރިޔަށްގެންދަވަމުން ވިދާޅުވިއެވެ. އަދި 2023 އޮކްޓޯބަރު 7 ގައި ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާއަކީ ”ލާއިންސާނީ“ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި އެކަން ކުށްވެރިކުރައްވަމުން، އާންމު ރައްޔިތުން މެރުމަކީ އެއްވެސް ހުއްޖަތެއް ދައްކައިގެން ދިފާއުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރަށް ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އެއާޕޯޓުގައި އޭނާއަށް އިސްތިގުބާލު ކުރުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާފައިވެއެވެ.
’ކްނެސެޓް‘ ގައި ދެއްވި ތަގުރީރުގައި، އޮކްޓޯބަރު 7 ގެ ހާދިސާއަށްފަހު އިންޑިއާ އިން އިޒްރޭލަށް ދިން އެއްބާރުލުމަށްޓަކައި ނަތަންޔާހޫ ވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ”އެއްގޮތް މަސްލަހަތުތަކެއް“ ހުރިކަން ފާހަގަކުރައްވައި، މޯދީ އަކީ ހަމައެކަނި ރަހުމަތްތެރިއެއް ނޫން ކަމަށާއި، އެއީ އޭނާގެ ”އަޚެއް“ ފަދަ ބޭފުޅެއްގެ ގޮތުގައި ނަތަންޔާހޫ ވަނީ ސިފަކުރައްވާފައެވެ.




ގުޅުންހުރި