ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު މުހައްމަދު ނިމާލް ނިޔާވެއްޖެ އެވެ.

އުމުރުން 62 އަހަރުގެ ނިމާލް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ނިމާލްއަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، މިދިޔަ ދެ މަސް ދުވަހު ފަރުވާދިނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984 ވަނަ އަހަރު އީސާ ޝަރީފުގެ ”ނުފޫޒު“ ފިލްމުން އެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 1993 ވަނަ އަހަރު ނިމާލް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި ”ސިޓީ“ އަކީ އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެކެވެ. ނިމާލް ޑައިރެކްޓު ކުރި އަދި މުހިންމު ރޯލުތައް އަދާކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ”ޒަލްޒަލާ“، ”ޔޫސުފް“ އަދި ”ނިއުމާ“ ފަދަ ކާމިޔާބު ފިލްމުތައް ހިމެނެ އެވެ.

ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު އޭނާއަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާފައެއެވެ.