އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް

އިންޑިއާގެ އުދަމް ސިންގް ނަގަރުގެ ހުސްބިމެއްގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ހިންދޫ ފައްޅިއެއް ކައިރީގައި އޮތް ހުސްބިމެއްގައި ނަމާދަށް އިން އުމުރުން 50 އަހަރުގެ ޝާހިދު ނަމަކަށް ކިޔާ މީހެއް ގައިގާ ބަޔަކު އައިސް ތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އޭނާއަށް އަނިޔާކުރި މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފުލުހަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން, އަރްވިންދު ޝަރްމާ ނަމަކަށް ކިޔާ މީހަކު އައިސް ނަމާދަށް އިން މީހާ ބިންމައްޗަށް ކޮއްޕައި ވައްޓާލައި, އޭނާއަށް އަނިޔާކޮށް, ހަޑިހުތުރުބަހުން ވާހަކަ ދައްކައި, އަދި މަރުގެ އިންޒާރުވެސް ދީފައިވެ އެވެ.

އަދި ހިންދޫން ރާމް ކަލާނގެ މަތިވެރިކަމަށް ދައުވާކޮށް އާންމުކޮށް ހިންދީ ދީނުގެ މީހުން ބުނެ އުޅޭ ”ޖައި ޝްރީ ރާމް“ ކިޔުއްވަން މަޖުބޫރު ކުރި ކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ.