ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާގައި އުޅޭ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް، ވޯކް ފްރޮމް ހޯމް ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާގައި އުޅޭ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ނިންމެވުމާ އެއްގޮތަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން، އޮފީހަށް ހާޒިރުނުވެ، އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައި އެގޮތަށް މަސައްކަތްކުރުމުގެ ހުއްދަ އެ އިދާރާއަކުން ދޭންވާނެ ކަމަށެވެ.
ނަމަވެސް އެގޮތަށް ހުއްދަ ދޭންވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް ސިއްހީ މަަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކޮށް ކަމަށްވެސް ބުނެފައިވެ އެވެ.
ގަވާއިދަށް ގެނައި އިސްލާހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ވަނީ ތިން ދަރަޖައަކަށް ބަހާލައިފަ އެވެ. އެއީ:
ދަރަޖަ 1: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިން
ދަރަޖަ 2: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން މެދުމިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން
ދަރަޖަ 3: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން.
ގަވާއިދަށް ގެނައި އިސްލާހުގައި ބުނަނީ: ދަރަޖަ 1 ގައިވާ ބެލެނިވެރިންނަށް، މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ، މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަަމަށެވެ.
މާއްދާގެ ދަރަޖަ 2 އަދި ދަރަޖަ 3 ގައިވާ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ގާތުގައި ކޮންމެހްނވެސް ހުންނަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ދަރަޖަ 2 އަދި ދަރަޖަ 3 ގައިވާ ބެލެނިވެރިން ރަސްމީ މަސައްކަތުގެ ވަގުތުގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ ވަގުތު ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ގާތުގައި ހުންނަންޖެހޭ ހާލަތުގައި، މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށް ބުންޏެވެ.




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ
އިންޑިއާ މިއޮތީ ”ސާބިތުކަމާއެކު“ އިޒްރާއީލާ އެކު: މޯދީ
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ