ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މެދުހެންވޭރު ރައްޔިތުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ މިއަދުގެ ”ދޮރުންދޮރަށް“ ހަރަކާތުގައި ރައީސްގެ އިތުރުން ޕީއެންސީން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ވަނީ މިއަދު މެދުހެންވޭރު ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ޕީއެންސީން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު އެ ޕާޓީން ގެންދަނީ ކޮންމެ ދުވަހަކުވެސް ”ދޮރުންދޮރަށް“ ހަރަކާތް ހިންގަމުންނެވެ.

އެ ކެންޑިޑޭޓުންނާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ރައީސް ވެސް ގެންދަވަނީ މިމަހުގެ 19 އިން ފެށިގެން މާލޭގެ ”ދޮރުންދޮރަށް“ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަމުންނެވެ.

ލޯކަލް ކައުންސިލު އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ އަދަދެއްގެ މެންބަރުން ވާދަކުރަނީ ވެސް ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުންނެވެ. އިންތިހާބަކާ ނުލައި ޖުމުލަ 69 ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުވެފައިވާ އިރު، އޭގެ ތެރެއިން 28 ގޮނޑިއަކީ ކައުންސިލުތަކުގެ ގޮނޑިތަކެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2,962 ކެންޑިޑޭޓުން ވާދަކުރެއެވެ.