މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް 

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހިމެނޭ މޭރީގެ ފިރިމީހާ މާވިން ވާގަސް އިސްލާމްދީން ގަބޫލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ އޭނާގެ ފިރިމީހާ މާވިންގެ އިތުރުން ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށެވެ.

އޭގެ ތެރެއިން މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ތިން ދައުވާ ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިން، އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ގާޒީ ވެސް އޭގެ ފަހުން މާވިންއަށް މުހާތަބު ކުރައްވަމުން ގެންދެވީ ޔޫސުފްގެ ނަމުންނެވެ.

މާވިން އިސްލާމްވެފައިވާތީ އެކަމާ މެދު ދެކޭ ގޮތް ސާފުކުރަން އޭނާގެ ވަކީލު ދައުލަތާ ސުވާލުކުރެއްވުމުން، ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ އެކަމާ މެދު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށާއި އާންމުކޮށް ދައުލަތުން މީހުންނާ މުހާތަބުކުރަނީ ޕާސްޕޯޓް ފަދަ ރަސްމީ ލިޔުމުގައި އޮންނަ ނަމުން ކަމަށެވެ. އަދި މާވިން އިސްލާމްވެފައިވާތީ، އަދަބަށް ބަދަލެއް އަންނާނެތޯ މަޝްވަރާކުރުމަށްފަހު ހާމަކުރާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން ބޭއްވުމަށް ބޭއްވި ބައްދަލުވުމެއް ނަމަވެސް، ހުލާސާ ބަޔާން އިއްވުން އަންނަ މަހަށް ތާވަލުކުރުމަށް ވަނީ ނިންމައިފައެވެ.