އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި  

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިހްތިސާސަށް ބަދަލު ގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.

އެ ބަދަލުތައް ގެންނަވާފައިވަނީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ގައި ބޭއްވި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން، އައްޑޫ ސިޓީ އަލުން ކަނޑައަޅުއްވައި، އައްޑޫ ސިޓީގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ އަކީ، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅާފައިވާތީއެވެ.

އެގޮތުން، އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާގެ އިހްތިސާސަށް ގެންނެވި ބަދަލުތައް އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/3، 2026/4 އަދި 2026/5 ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވައިފައެވެ. އެއާއެކު، އެ ދާއިރާތަކުގެ އިހްތިސާސް ދައްކުވައިދޭ ޗާޓުތައް، އެ ގަރާރުތަކުގެ ޖަދުވަލުގައި ވަނީ ހިމަނުއްވައިފައެވެ.

ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ މަސްއޫލިއްޔަތެކެވެ.