މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ”ލޫޓުވައިފި ލޫޓުވައިފި“ގެ ނަމުގައި ބޭއްވި މުޒާހަރާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ ކުރިމިނަލް ކޯޓުގައި އެމީހުންގެ މައްޗަށް ދައުވާާކުރީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައިގައި ކަމަށެވެ.

މައުރޫފްގެ އިތުރުން ދައުވާކުރި މީހުންގެ ތެރޭގައި ހިމެނެނީ އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލް ގަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒް، ފާތިމަތު ޒަހިއްޔާ (ޒާޔާ) އަދި ހުސައިން ރަޝީދެވެ.

ޕީޖީން އެމީހުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި އިތުރު ހަތް މީހަކަށް ތުހުމަތުކުރި ނަމަވެސް، އެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގާރީނާ ލިބިފައި ނުވާތީ އާއި، ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ބައި ފުލުހުންނަށް ވަނީ އަނބުރާ ފޮނުވާލައިފައެވެ.