ލާމަރުކަޒު ކުރާ ކަމަށްބުނެ ކުރިން ހުރީ އޮޅުވާލުންތަކެއް ކަމަށާއި ޕީއެންސީއަކީ އޮޅުވާލުމުގެ ތެރެއިން ކަންކަން ކުރާނެ ޕާޓީއެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީގެ ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ބުނެދެނީ ރައްޔިތުންނާ ކައިރިން ހިދުމަތްދިނުމާއި ބާރުވެރިކުރުމުގެ ވާހަކަ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންގެ އަޑުއައްސަވައިގެން ހިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތްކުރައްވަމުން ކަމަށެވެ.
ރައީސް ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުން ފާހަގަކުރާ ކަންކަން ނޯޓު ކުރައްވައި ރެކޯޑު ކުރައްވައިގެން މިނިސްޓަރުންނަށް ފޮނުއްވާ ކަމަށާއި އަދި މިނިސްޓަރުން އެކަންކަން ފުރިހަމަކުރައްވާތޯ ވެސް ރައީސް ކަށަވަރުކުރައްވާ ކަމަށް ހަލީލު ވިދާޅުވިއެވެ.
މިނިސްޓަރު ހަލީލު ވިދާޅުވީ އޮޅުވާލުމުގެ ތެރެއިން ކަންކަން ކުރުމަކީ ޕީއެންސީގެ ސިފައެއް ނޫން ކަމަށާއި ލާމަރުކަޒު ކުރާ ކަމަށްބުނެ މީގެ ކުރިން ހުރީ އޮޅުވާލުންތަކެއް ކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓުންނަކީ ރައީސް އެ ހިންގަވާ މަގުން ހިންގަވާނެ ކެންޑިޑޭޓުންތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ވޯޓު ހޯދުމުގެ ނިޔަތުގައި އެމްޑީޕީން ކަނޑުފަޅުން ރައްޔިތުންނަށް ގޯތިދިނުމުން އެކަން ވެސް ވައުދުފުޅުގެ ތެރޭގައި ހިމަނުއްވައިގެން ފުރިހަމަކޮށްދެއްވީ ރައީސް މުއިއްޒު ކަމަށާއި ރައީސަކީ އެހެން ބަޔަަކަށް ތުރާ ޖައްސަން ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ހަލީލު ވިދާޅުވިއެވެ.



