ޕީއެންސީއަކީ ތަރައްގީގެ ފިކުރު ކަމަށާއި އެހެންކަމުން ލޯކަލް ކައުންސިލު އިންތިހާބުގައި ދޫންޏަށް ވޯޓުދޭންޖެހޭ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަރުދަނާ ސިޔާސީ ޕާޓީއަކީ ކަމަށާއި މިވަގުތު ރާއްޖޭގެ ރައްޔިތުންގެ މަސްލަހަށްޓަކައި، ގައުމުގެ ހަމަޖެހުމަށްޓަކައި، ތަރައްގީއަށްޓަކައި އަދި ހަމަހަމަކަން ގާއިމުކުރުމަށްޓަކައި މަސައްކަތްކުރާ ޕާޓީއަކީ ޕީއެންސީ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް އޮވެގެން ރައްޔިތުންނަށް ބޭނުންވާ ވަރަށް ހާއްސަ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ކުރަން ހުރި ކަންތައްތަކެއް ބޮޑު ފޮތެއްގެ ސިފައިގައި ލިޔުއްވައިގެން ނުކުންނެވި ހަމައެކަނި ވެރިޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
”އެ މަނިކުފާނުގެ ލީޑާޝިޕްގައި އޮތް ޕާޓީން ނުކުމެ މި ކުރަން އުޅޭ މަސައްކަތަކީ ގައުމު ކުރިއަށްގެންދިއުމުގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރާނެ އިތުރު މަދަދުގާރުން ހޮވުމުގެ މަސައްކަތް. އެކަމަށް އެންމެ އެކަށީގެންވާ ބަޔަކީ ދޫނި ޓީމުގެ މީހުން ނުކުމެ އެ ކުރާ މަސައްކަތް. ދޫންޏަށް ވޯޓު ދެއްވީމާ ރައްޔިތުންނަށް ދަންނަވަން އޮތް ވާހަކައަކީ އެ ދެވުނީ ރަނގަޅު ވޯޓެކޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ތަރައްގީގެ ފިކުރާ އިދިކީލި ވިސްނުމުގެ ބަޔަކު ކައުންސިލުތަކަށް ހޮވައިފިއްޔާ، ކަންކަން ހައްލުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.



