އެމެރިކާއާއި އިޒްރޭލް ގުޅިގެން އިރާނަށް ހަމަލާދިނުމާއެކު ފެށުނު ހަނގުރާމައާ ގުޅިގެން ފްލައިޓުތައް ކެންސަލްވުމުން، އުމްރާގެ އަޅުކަމަށް ނުފުރި ތިބި 164 ދިވެހި އުމްރާވެރިން، މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި މިރޭ އުމްރާގެ އަޅުކަން އަދާކުރުމަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެ ހަނގުރާމައިގެ އަސަރު ކޮށްފައިވާ ގިނަ ގައުމުތަކަކުން ވައިގެ ސަރަހައްދު ބަންދުކުރުމާއެކު ގިނަ ފްލައިޓުކެއް ކެންސަލްކުރުމުގެ ސަބަބުން އުމްރާއަށް ފުރުމަށް ގިނަ ބަޔަކު ހުރަސްތަކަކާ ކުރިމަތިލާން ޖެހުނެވެ.
މީގެ ކުރިން ޝަހީމް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަނގުރާމައިގެ ސަބަބުން 150 އެއްހާ ދިވެހީންނަށް ނުފުރި ތިބި ކަމަށާއި އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
ޝަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް ފުރުމުގައި އެކި ސަބަބުތައް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް މައްކާގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.


